މާލެއިން ސައިކަލު ވަގަށް ނަގާ ދެ މީހަކު ހައްޔަރުކޮށްފި
މާލެ ސަރަހައްދުން ސައިކަލު ވަގަށް ނެގުމުގެ ރެކޯޑު އޮތް ދެ މީހަކު އިއްޔެ ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ، އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނަކާއި 38 އަހަރުގެ ދިވެހި ފިރިހެނެކެވެ. ކްރިމިނަލް ކޯޓުން މިހާރު ވަނީ މި ދެމީހުންގެ ބަންދަށްވެސް 15 ދުވަސް ޖަހައިފަ އެވެ.
މި ދެ މީހުން ބަންދު ކުރުމަށް އަމުރުކޮށް ކްރިމިނަލް ކޯޓުން ނެރުނު ކޯޓު އަމުރުގައި ވަނީ ދެ މީހުންގެ މައްޗަށް ވެސް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައި ވާކަމަށެވެ.
އެގޮތުން އުމުރުން 31 އަހަރުގެ މީހާގެ މައްޗަށް ތުހުމަތު ކުރަނީ ސައިކަލު ވަގަށް ނަގައި އެ ދުއްވި ކަމަށެވެ. ކޯޓުން ވަނީ އެކަން ސާބިތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާކަން ފާހަގަކޮށްފަ އެވެ.
އުމުރުން 38 އަހަރުގެ މީހާއާ ސީންގައި ފުލުހުން ސުވާލު ކުރުމުން އޭނާ ބުނެފައި ވަނީ އެ ސައިކަލަކީ އަފީފު ކިޔާ ބޭބެއެއްގެ ސައިކަލެއް ކަމަށެވެ. ނަމަވެސް، ޝަރީއަތުގައި ސުވާލު ކުރުމުން އޭނާ ބުނީ އެ ސައިކަލަކީ ފަޔާޒު ކިޔާ ރައްޓެއްސެއްގެ ސައިކަލެއް ކަމަށެވެ.
ސައިކަލުގެ ވެރިމީހާވެސް ޝަރީއަތަށް ހާޒިރު ކުރި އެވެ. އޭނާ ބުނީ އެއީ އޭނާ އެހެންތާކު ޕާކު ކޮށްފައިވާ ސައިކަލެއް ކަމަށެވެ. ސައިކަލު ވަގަށް ނެގީ ކޮންތާކުން ކަމެއް ކޯޓު އަމުރުގައި ހާމަކޮށްފައެއް ނުވެ އެވެ.
ސައިކަލު ވަގަށް ނަގާކަމުގެ ރެކޯޑު އޮތް ދެ މީހުން ހައްޔަރުކޮށް ބަންދު ކުރިއިރު މީގެ ކުރިންވެސް މިފަދަ މައްސަލަތަކުގައި މީހުން ހައްޔަރުކޮށްފައި ވެއެވެ. ސައިކަލު ވަގަށް ނަގައި ނުއަގުގައި ވިއްކުމާއި، މޮޑިފައިކޮށްގެން ބޭނުން ކުރުމަކީވެސް މާލެ ސަރަހައްދުގައި ވަރަށް އާންމު ކަމެކެވެ.