ސަލްމާން މިސްކިތުގެ އޭސީތައް މަރާމާތު ކުރަން ހަ މިލިއަން ރުފިޔާ ބޭނުންވޭ
ކިންގް ސަލްމާން މިސްކިތުގެ އޭސީތައް މަރާމާތު ކުރުމަށް ހަ މިލިއަން ރުފިޔާ ބޭނުންވާ ކަމަށާއި އެ ފައިސާ ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހީމް ވިދާޅުވީ, އެ މިސްކިތުގެ އޭސީއަށް ދިމާވެފައިވާ މައްސަލައިގެ ޝަކުވާ ވަރަށް ބޮޑު ކަމަށެވެ.
ޝަހީމް ވިދާޅުވީ, އޭސީތައް ހަލާކުވެފައި ހުރީ އޭސީ ނިޒާމުގެ މެއިންޓެނެންސް މަސައްކަތް އެކަށީގެންވާ މިންވަރަށް ނުކުރެވި ހުރުމުގެ ސަބަބުން ކަމަށާއި މައްސަލަ ހައްލު ނުކުރެވި މިހާރު ވެސް ދިގުލައިގެން ގޮސްފައިވާ ކަމަށެވެ.
އެ މަސައްކަތަށް ހަ މިލިއަން ރުފިޔާ ބޭނުންވާ ކަން ފާހަގަކުރައްވައި ޝަހީމް ވިދާޅުވީ, އެ ފައިސާ ލިބޭނެ ގޮތް ސަރުކާރުން ހަމަޖައްސައިދީފައިވާ ކަމަށާއި އެކަންކަން ހަމަޖެހިއްޖެ ނަމަ ވަރަށް އަވަހަށް މައްސަލަތައް ހައްލު ކުރެވޭތޯ މަސައްކަތް ކުރާނެ ކަމަށެވެ.
ސަލްމާން މިސްކިތުގައި ނަމާދުކުރަން ބޭނުންކުރާ ދެ ފަންގިފިލާގައި އޭސީގައި މައްސަލަ ޖެހި މިދިޔަ ސަރުކާރުން އެކަން ހައްލު ކުރިއެވެ. ނަމަވެސް ގިނަ ދުވަސްތަކެއް ނުވެ އަލުން މައްސަލަ ޖެހި އެކަން ހައްލުނުކުރެވޭތީ ގިނަ ބަޔަކު އަންނަނީ އެކަމާ ޝަކުވާ ވެސް ކުރަމުންނެވެ.
ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒު އާލް ސަޢުދުގެ އެހީއާއެކު ބިނާކުރެއްވި ސަލްމާން މިސްކިތުގައި ފަސް ފަންގިިލާ ހިމެނޭއިރު ފުރަތަމަ ފަންގިފިލާއާއި ދެވަނަ ފަންގިފިލާގައި އެއްފަހަރާ 4000 މީހުންނަށް ނަމާދު ކުރެވޭނެއެވެ.