ޚަބަރު

މަންމަ އާއި ބައްޕަ ދޫކޮށްލައި ހައްމާދު ޝަރީއަތް ނިމެންދެން ޖަލަށް

ރ. މަޑުއްވަރީގައި އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކު ގަވާއިދާ ޚިލާފަށް ކައިވެނިކުރުވައި އެ ކުއްޖާ ބަލިވެ އިނދެ ދަރިއަކު ވިހެއި މައްސަލާގައި މަންމަ އާއި ބައްޕަގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފިއެވެ.

ޕީޖީ އޮފީހުން ބުނީ އެ ކުއްޖާގެ މަންމަގެ މައްޗަށް ހަތަރު ދައުވާއެއް އަދި ބައްޕަގެ މައްޗަށް އެއް ދައުވާ އުފުލާފައިވާ ކަމަށެވެ.

އެ ކުއްޖާގެ މަންމަގެ މައްޗަށް އުފުލާފައި ވަނީ އިހްމާލުގެ ދައުވާތަކަކާއި ރަސްމީ އިދާރާ އަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅި ކަމުގެ ދައުވާއެވެ.

އެ ކުއްޖާގެ ބައްޕަގެ މައްޗަށް އުފުލީ ގާނޫނު ހިންގުމަށް ހުރަސްއެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސްއެޅި ކަމުގެ ދައުވާއެވެ.

މަންމަ އާއި ބައްޕަ ދޫކޮށްލީ ޝަރުތުތަކަކާ އެކުއެވެ.

އެ ކުއްޖާއާ ގަވާއިދާ ޚިލާފަށް ކައިވެނިކުރި، ރ. މަޑުއްވަރީ، ފެހިއަލި، އިސްމާއީލް ހައްމާދުގެ މައްޗަށް އުފުލާފައި ވަނީ ޖިންސީ ނިޔަތެއް އޮވެ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ގަސްތުގައި އަތްލުމުގެ ދައުވާއެވެ. އެ މައްސަލައިގެ ޝަރީއަތް ނިމެންދެން ރިމާންޑް ޖަލެއްގައި އޭނާ ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!