ޚަބަރު ވިޔަފާރި

އެސްޓީއޯ ސްމާޓް ސްޓޯރުން މިހާރު 24 ގަޑިއިރު ހިދުމަތް ލިބޭނެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ހުޅުމާލެ 1 ގައި ހުންނަ އެސްޓީއޯ ސްމާޓް ސްޓޯރުން 24 ގަޑިއިރު ހިދުމަތް ދޭން ފަށައިފި އެވެ.

Ads by MWSC

އެސްޓީއޯގެ އޮފިޝަލަކު ވިދާޅުވީ 24 ގަޑިއިރަށް މިހާރު ހިދުމަތް ބަދަލުކުރީ ގިނަ ކަސްޓަމަރުންތަކެއްގެ އެދުމުގެ މަތިން ކަމަށެވެ.

ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހިދުމަތް ދެމުން ދިޔަ އެސްޓީއޯގެ ފިހާރަ ސްމާޓް ފިހާރައަކަށް ބަދަލުކުރުމަށް ފަހު ރަސްމީކޮށް ހުޅުވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. މިއީ ކޭޝިއަރުން ނުތިބޭ ރާއްޖޭގެ ފުރަތަމަ ސްމާޓް ފިހާރަ އެވެ. އެގޮތުން އެ ފިހާރައަކީ ‘ގްރެބް އެންޑް ގޯ’ ކޮންސެޕްޓުގެ ފިހާރައެކެވެ.

މި ފިހާރައަށް ވަދެ ވިޔަފާރި ކުރެވޭނީ މިކަމަށް ޚާއްސަ އެޕްލިކޭޝަނެއް ބޭނުން ކޮށްގެންނެވެ. މިއެޕްލިކޭޝަން، އެޕް ސްޓޯރ އާއި ޕްލޭ ސްޓޯރއިން ޑައުންލޯޑު ކުރެވޭނެ އެވެ.

ފިހާރައަށް ވަދެވޭނީ ފޯނުން ކިއުއާރު ކޯޑު ސްކޭން ކޮށްގެންނެވެ. ކިއުއާރު ކޮންސެޕްޓް ބޭނުންކުރި ނަމަވެސް ފޭޝިއަލް ރިކޮގްނިޝަން ބޭނުންކުރަން ބޭނުންވާ ކަސްޓަމަރުންނަށް އެ ފުރުޞަތުވެސް ވަނީ ފަހިކޮށްދީފަ އެވެ.

ފިހާރައިން ނިކުންނައިރު ފައިސާ ދައްކާކަށް ނުވަތަ ޓްރާންސްފަރ ކުރާކަށް ނުޖެހޭނެ އެވެ. ނިކުންނަ އިރު އެމީހަކު ނެގި މުދަލަކަށް އެޕްލިކޭޝަން މެދުވެރިކޮށް ފައިސާ ކެނޑޭނެ އެވެ. އެހެންކަމުން މިފިހާރައަށް ދާއިރު ކޮންމެހެން ވޮލެޓް ގެންދާކަށް ނުޖެހޭނެ އެވެ. އަދި ފޭޝިއަލް ރިކޮގްނިޝަން ހަދާފައިވާ ފަރާތްތަކަށް ފޯނު ނެތްނަމަވެސް ވިޔަފާރި ކުރެވޭނެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!