ފޮރިން މިނިސްޓަރު އިންޑިއާގައި ދިރިއުޅޭ ދިވެހިންނާ ބައްދަލު ކުރައްވައިފި

ފޮރިން މިނިސްޓަރު މޫސާ ޒަމީރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެގައުމުގެ ނިއު ދިއްލީގައި ދިރިއުޅުއްވާ ދިވެހިންނާއި ބައްދަލުކުރައްވައިފި އެވެ.
މިބައްދަލުކުރެއްވުން ބާއްވާފައިވަނީ ދިއްލީގެ ތާޖް ޕެލެސް ހޮޓެލްގަ އެވެ. އިންޑިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން ބޭއްވި މި ބައްދަލުކުރެއްވުމުގައި ދިވެހިންނަށް ދިމާވާ ދަތިތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވި އެވެ.
ބައްދަލުކުރެއްވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޒަމީރު ވިދާޅުވީ އިންޑިއާގައި ދިރިއުޅޭ ދިވެހިންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯދުމަށް ކަމާއިބެހޭ ފަރާތްތަކާއިއެކު މަޝްވަރާކޮށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ބައްދަލުވުމަށްފަހު ދިވެހިންނާއިއެކު މިނިސްޓަރާއި އެގައުމުގައި ހުންނަ ހައި ކޮމިޝަނަރު ވަނީ ފަރިއްކޮޅަކަށް އިންސާފު ކުރައްވައިފަ އެވެ.
މިނިސްޓަރު ޒަމީރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރާއި ބައްދަލުކުރައްވާ ދެ ގައުމުގެ ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައި ވެއެވެ.
ރާއްޖެއާއި އިންޑިއާއާއި ދެމެދު އޮތް ގުޅުން ވަރަށްބޮޑަށް ހީނަރުވެފައިވާކަމުގެ އަޑުތައް ފެތުރިފައިވަނިކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން ޒަމީރު ވަޑައިގެންފައި މިވަނީ އިންޑިއާއަށެވެ. ޒަމީރު ވަނީ ސަރުކާރުގެ ބައެއް ޑެޕިއުޓީ މިނިސްޓަރުން އިންޑިއާއަށް ނިސްބަތްވާ ގޮތަށް ކުޑައިމީސް ބަސް ބުނެފައިވާތީ އެއީ ސަރުކާރުގެ ސްޓޭންޑު ނޫންކަމަށް މިދަތުރުފުޅުގައި ވިދާޅުވެފަ އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ މައްސަލަވެސް ބޮޑުވެފައިވަނިކޮށް މިމައްސަލަ ހައްލުކޮށް ދެގައުމުގެ ދެމެދުގައި ވަނީ އެއްބަސްވުމަކަށް އައިސްފަ އެވެ. އިއްޔެ ސަރުކާރުން ހާމަކުރި ގޮތުގައި މިހާރު ރާއްޖޭގައި އިންޑިއާ ސިފައިން ނުތިބޭނެ އެވެ.