ޚަބަރު ސަރުކާރު

ޗުއްޓީއާ ދިމާކޮށް ޕާސްޕޯޓު ހައްދަން އެދޭ މީހުން ވަރަށް ބޮޑަށް އިތުރުވެއްޖެ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބަޔަކު ފުރަން ގޮސް

ސްކޫލު ކުދިންގެ ޗުއްޓީއާއި ދިމާކޮށް ޕާސްޕޯޓު ހައްދަން ނުވަތަ އާކުރަން އެދި އިމިގްރޭޝަންއަށް ހުށަހަޅާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެއްޖެ އެވެ.

Ads by Hajj Corporation

މިހާރު ކުރިއަށް މިދަނީ ސްކޫލު ކުދިންގެ ދިރާސީ އަހަރު ނިމި ބޮޑު ޗުއްޓީ އެވެ. މިދުވަސްވަރު އެކި ބޭނުންތަކުގައި ރާއްޖެއިން ބޭރަށް ދާ ފަރާތްތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

ހޯމް މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކުން ގުޅިގެން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޗީފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރު ފާތިމަތު ލަތީފާ ވިދާޅުވީ މިއީ އިމިގްރޭޝަންއަށް ވަރަށް ބާރު ބޮޑު ދުވަސްވަރެއް ކަމަށެވެ. އެގޮތުން މިދިޔަ ހަފްތާ އެކަނިވެސް 2،581 މީހުން ޕާސްޕޯޓު ހައްދަން ހުށަހެޅި ކަމަށް އޭނާ ވިދާޅުވި އެވެ.

ދަތުރުކުރަން ޖެހުމުން ވަގުތުން ޕާސްޕޯޓު ހައްދަން ހުށަހަޅާކަން ފާހަގަކުރެވިފައިވާކަމަށް ލަތީފާ ވިދާޅުވި އެވެ. ކުރިއަށް އޮތްތަނުގައި ޕާސްޕޯޓުގެ މުއްދަތު ހަމަވުމުގެ ކުރިން ދުރާލައި އާކުރަން ހުށަހެޅުމަށް އޭނާ އިއްޔެ ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.

"އިމިގްރޭޝަނުން އެދެނީ ރޭވިގެން ދަތުރުކުރާ ފަރާތްތަކުން އެންމެ ފަހު ވަގުތާ ޖެހެންދެން މަޑުނުކުރައްވާ ޕާސްޕޯޓު ހެއްދުމަށް. އަދި ޕާސްޕޯޓު މުއްދަތު ހަމަވާން 6 މަސް ދުވަހަށް ވުމުން ވީހާވެސް އަވަހަކަށް އެކަން ފުރިހަމަ ކުރެއްވުމަށް." ލަތީފާ ވިދާޅުވި އެވެ.

ޕާސްޕޯޓާއި އައިޑީކާޑު ހެއްދުމުގެ ހިދުމަތް މާލެއިން އެކަނި ދޭތީ ދަތިތަކެއް ކުރިމަތިވި އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ސިޓީ ކައުންސިލް އިދާރާތަކާއި އަތޮޅު ކައުންސިލްތަކުގެ އިދާރާތަކުންވެސް މި ހިދުމަތް ދެވޭގޮތަށް އިންތިޒާމުތައް ހަމަޖައްސައިފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!