ސޯޝަލް މީޑިއާގައި ކޮންމެ ވާހަކައެއް ދެއްކިޔަސް ރާއްޖެއާ ގުޅުން ނުކެނޑޭނެ: އިންޑިއާ
- ރާއްޖެއަކީ ޗައިނާގެ ބައިވެރިންކަމަށް ގަބޫލެއް ނުކުރަން
- އިންޑިއާއަކީ އަބަދުވެސް އެންމެ ގާތުގައި އޮތް ގައުމު
- ގުޅުން ދެމެހެއްޓުމަށް ކުރެވުނު ކޮންމެ ކަމެއް ކުރާނަން
ސޯޝަލް މީޑިއާގައި ބަޔަކު ކޮންމެ ގޮތަކަށް ވާހަކަ ދެއްކިނަމަވެސް ރާއްޖެއާއި ސްރީލަންކާ ފަދަ ގައުމުތަކާއިއެކު އޮންނަ އަވައްޓެރިކަމުގެ ގުޅުން ދުވަހަކުވެސް ނުކެނޑޭނެ ކަމަށް އިނޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިޔަމް ޖައިޝަންކަރު ވިދާޅުވެއްޖެ އެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންޑިއާގެ ނޫސްވެރިޔަކު ވަނީ ރާއްޖެއާއި ސްރީލަންކާފަދަ އިންޑިއާއާއި އަވައްޓެރި ގައުމުތަކަށް ޗައިނާއިން ބޮޑެތި އިންވެސްޓުމެންޓުތައްކޮށް އެގައުމާއިއެކު ގުޅުން ބަދަހިކުރާތީ އެފަދަ ގައުމުތަކަށް އިންޑިއާއިން އެހީތެރިވުމަކީ ގެއްލުން ލިބިދާނެ ކަމެއްތޯ ސުވާލުކޮށްފަ އެވެ. މި ސުވާލަށް ޖަވާބު ދެއްވަން ފައްޓަވަމުން ޖައިޝަންކަރު ވަނީ އެ ސްޓޭޓްމެންޓު ގަބޫލު ނުކުރައްވާކަމަށް ވިދާޅުވެފަ އެވެ.
"ތިޔަ ސިފަކުރުމާ އަޅުގަނޑު އެއްބަހެއް ނުވަން. ޗައިނާގެ ބައިވެރިންގެ ގޮތުގައި އެގައުމުތައް (ރާއްޖެ އަދި ސްރީލަންކާ) ސިފަކުރެވިދާނެކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ" ޖައިޝަންކަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ޗައިނާއާއި އިންޑިއާގެ ވާދަވެރިކަމުގެ ތެރެއިން އެހެން ގައުމުތަކަށް އޭގެ ފައިދާ ނެގިދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެހެންނަމަވެސް އާހިރުގައި އިންޑިއާއަކީ އަވައްޓެރި ގައުމުތަކާއި އެންމެ ގާތް ގުޅުމެއް ބާއްވާ ގައުމުކަމަށް އޭނާ ވިދާޅުވި އެވެ.
ސްރީލަންކާ ބަނގުރޫޓުވެ ހާލުގައި ޖެހުނު ދުވަހު އިގްތިޞާދު ކޮޅަށް ޖެހުމަށް އެންމެ ގާތުން އެހީތެރިވީ އިންޑިއާކަމަށް ޖައިޝަންކަރު ވިދާޅުވި އެވެ. އަދި މިހާރުވެސް އެކި ކަންކަމުގައި އެހީ ހޯދުމަށާއި ތައުލީމު އުނގެނުމަށްވެސް ލަންކާ ރައްޔިތުން އިންޑިއާއަށް ދާކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ގާބިލުކަމާއިމެދު ވަރަށް ބޮޑަށް އިތުބާރު ކުރަން އެބަ ޖެހޭ. ހާއްސަކޮށް އަވައްޓެރި ގައުމުތަކާއިއެކު އޮންނަ ގުޅުން ބަދަހިކުރުމަށް" ޖައިޝަންކަރު ވިދާޅުވި އެވެ.
ރާއްޖޭގެ ހާލަތަށް ބަލާނަމަ އެކި ސަރުކާރު ތަކުގައި ބޭރުގެ ގައުމުތަކާއި ގުޅުން ބޭއްވުމުގައި ގެންގުޅޭ ސިޔާސަތުތައް ބަދަލުވާ ކަމަށާއި ބައެއް ފަހަރު އިންޑިއާ ސަރުކާރަށް އުނދަގޫ ހާލަތްތައްވެސް ރާއްޖޭގެ ސަރުކާރުތަކުން ކުރިމަތިވެފައި ހުރިކަމަށް ޖައިޝަންކަރު ވިދާޅުވި އެވެ. އެހެންނަމަވެސް އެ އުނދަގޫތަކާއި އެކުވެސް އެކުވެރިކަމާއި އަވައްޓެރިކަމުގެ ގުޅުން އަބަދުވެސް ދެމި އޮންނާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން ސޯޝަލް މީޑިއާގައި ރާއްޖެއާއި އިންޑިއާ ގުޅުން ހީނަރުވެފައިވާކަމަށް ބުނެ އެކި ގޮތްގޮތަށް މީހުން ވާހަކަ ދައްކަމުން ދަނީ އެހެން މީހުންގެ ޝައުގުވެރިކަން ހޯދުމުގެ ބޭނުމުގައިކަމަށާއި އެގޮތަށް ދައްކާ ކޮންމެ ވާހަކައެއް ގަބޫލު ނުކުރަންވެސް ޖައިޝަންކަރު އެދިލެއްވި އެވެ.
"އެކަމަކު ގަބޫލު ކުރައްވާ، އަޅުގަނޑުމެންގެ އަވައްޓެރި ގައުމުތަކާއިމެދު އަޅުގަނޑަށް ވަރަށް ޔަގީންކަން އެބައޮތް. ގުޅުންވެސް ވަރަށް ސާފު. މި ގުޅުން ދެމެހެއްޓުމަށް، އަދި އިންޑިއާއަކީ އެންމެ ގާތް ގުޅުން ބާއްވާ ގައުމުގެ ގޮތުގައި ބޭއްވުމަށް ކުރެވެން އޮތް ކޮންމެ މަސައްކަތެއް ކުރާނަން" ޖައިޝަންކަރު ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުން އިންޑިއާއާއިއެކު އޮތް ގުޅުން ހީނަރުވެފައިވާކަމަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކަ އެވެ. އެހެންނަމަވެސް ދާދި ފަހުން ރާއްޖޭގެ ފޮރިން މިނިސްޓަރު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު އެގައުމާއެކު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރަން މަސައްކަތް ކުރާނެކަމަށް ދިވެހި ސަރުކާރުންވެސް ވަނީ ބުނެފަ އެވެ.
ފެނައްޖެހުނުދުވަހުބޯންފެންފޮދުފިންމީހުންކަރައްފައިންއެރީމަތާހިރެއްނޫންވަޒީފާއެއްމުއިޒުދިނީމަދެރުޑިއަކުފެންމައްޗައްއެރިޔަސްއެއީހުރިހާދިވެހިންގެވާހަކައެއްނޫން