ޚަބަރު

އދގެ ފުރިހަމަ މެމްބަރުކަން ފަލަސްތީނަށް ދިނުމަށް ރާއްޖެއިން ގޮވާލައިފި

ފާރިހާ ޢަދުނާން ، ދެން އޮންލައިން

އދގެ ފުރިހަމަ މެމްބަރު ގައުމެއްގެ ގޮތުގައި ފަލަސްތީން ބަލައިގަތުމަށް ރާއްޖެއިން އދގެ ސަލާމަތީ މަޖިލީހަށް ގޮވާލައިފިއެވެ.

Ads by STELCO

ރާއްޖެއިން މިކަމަށް ގޮވާލާފައިވަނީ އދގެ އާންމު މަޖިލީހުން މިދިޔަ ހުކުރު ދުވަހު އދގެ އާންމު މަޖިލީހުގެ 10 ވަނަ ކުއްލި ބައްދަލުވުމުގައެވެ. މި ބައްދަލުވުމަކީ، "އެޑްމިޝަން އޮފް ނިއު މެންބާ ސްޓޭޓްސް ޓު ދަ ޔުނައިޓެޑް ނޭޝަންސް" ގެ ނަމުގައި ފާސްކޮށްފައިވާ ގަރާރަށް ނިސްބަތްކޮށް ބޭއްވި ބައްދަލުވުމެކެވެ.

މިބައްދަލުވުމުގައި ރާއްޖެއިން ވަނީ އާންމު މަޖިލީހުން ފާސްކުރި ގަރާރަށް މެންބަރު ގައުމުތަކުން ލިބުނު ތާއީދަކީ ސަލާމަތީ މަޖިލީހަށް ފޮނުވުނު ވަރުގަދަ މެސެޖެއްގެ ގޮތުގައި ސިފަކޮށްފައެވެ.

މީގެ އިތުރުން ރާއްޖެއިން ވަނީ ފަލަސްތީނުގެ ރައްޔިތުން ކުރިމަތިލާން ޖެހިފައިވާ ހިތްދަތިކަމާއި ތަހައްމަލުކުރަމުންދާ އަނިޔާތައް ހުއްޓުމަށް އަވަސް ފިޔަވަޅު އެޅުމަށާއި، އިސްރާއީލުން ހިންގަމުންދާ އަމަލުތަކަށް އެގައުމު ޖަވާބުދާރީކުރުމަށް އދގެ މެމްބަރު ގައުމުތަކަށް ވެސް ގޮވާލައިފައެވެ.

އިތުރަށް ރާއްޖޭގެ ބަޔާނުގައި ބުނީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކަށް ދާއިމީ ހައްލެއް ގެނައުމަށް އޮތް ހަމައެކަނި ގޮތަކީ، 1967 ގެ ކުރިން ފަލަސްތީނުގެ ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެމަތިން، އިރުމަތީ ގުދުސް އަކީ އެ ގައުމުގެ ވެރިކަންކުރާ ރަށް ކަމަށް ކަނޑައަޅާ، ފަލަސްތީންގައި މިނިވަން ދައުލަތެއް ގާއިމުކުރުން  ކަމަށެވެ.

މީގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ މިފަދައިން ވިދާޅުވެ، އިސްރާއިލަށް ފިޔަވަޅު އެޅުމަށް ދުނިޔޭގެ ޖިނާއީ ކޯޓަށް ގޮވާލައިފިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!