ޚަބަރު

ރައީސް، ދީމާއަށް ހިތްވަރު ދެއްވައިފި

އަލީ ސަމާޙް ، ދެން އޮންލައިން

ފްރާންސުގެ ވެރިރަށް ޕެރިހުގައި މިއަހަރުގެ ޖުލައި 26 ން އޮގަސްޓް 11 އަށް އޮންނަ ބައިނަލްއަގްވާމީ އޮލިމްޕިކްސްގައި ވާދަކުރުމުގެ ފަހުރު ހޯދި ދިވެހި އެތުލީޓް ފާތިމަތު ދީމާ އަލީގެ ތާރީހީ ކާމިޔާބީއަށް ރައީސް ޑރ މުހައްމަދު މުއިއްޒު، މަރުހަބާ ވިދާޅުވެ ހިތްވަރުދެއްވައިފިއެވެ.

Ads by MWSC

ރައީސް އޮފީހުން މިރޭ ޝާއިއު ކުރި ހަބަރެއްގައި ބުނީ ދީމާގެ އާއިލާއާ މިއަދު ރައީސް ފޯނުން ގުޅުއްވި ކަމަށެވެ.

އެ ފޯން ކޯލްގައި ރައީސް ވަނީ މިއީ އޮލިމްޕިކް ކޮލިފައިންގެ ފައިނަލް މެޗެއް ކާމިޔާބުކޮށްގެން އޮލިމްޕިކްސްގައި ވާދަކުރުމުގެ ޝަރަފްވެރި ޖާގައެއް ދިވެހި ކުޅިވަރު ކުޅުންތެރިއަކު ހާސިލްކުރި ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި އެކަމަށްޓަކައި އުފާކުރައްވާކަމުގައި ވިދާޅުވެފައެވެ. އަދި ދެކުނު އޭޝިއާ ސަރަޙައްދުގެ އެންމެ މޮޅު ޓޭބަލްޓެނިސް ކުޅުންތެރީންނާ ވާދަކޮށް ރާއްޖޭގެ ޒުވާން އަންހެން އެތުލީޓަކު މި ހޯދި ބޮޑު ކާމިޔާބީއަށް މުޅި ރާއްޖެ ފަހުރުވެރިވާކަން ރައީސް ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އަދި ކުޅިވަރުގެ ރޮނގުގައި ވަރަށް ޅަ އުމުރުގައި ދީމާ ހޯދަމުންދާ ހަލުވި ކާމިޔާބީތަކާ ކުޅިވަރުގެ ހުނަރު އިތުރަށް އުނގެނި ކުރިއެރުމަށް ކުރަމުންދާ ހިތްވަރު، ރައީސް ފާހަގަކުރެއްވީ ނަމޫނާއެއްގެ ގޮތުގައެވެ. އަދި އެގޮތުގައި ވަރުގަދަ އަޒުމަކާއެކު ހުއްޓުމެއް ނެތި ކުރިއަށް ދިއުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.

އޭގެ އިތުރުން އޮލިމްޕިކްސްގައި ވާދަކޮށް ރަނގަޅު ކާމިޔާބީއަކާ ހަމަޔަށް ދިއުމަށް ދީމާ އަށް މި ލިބުނު ފުރުސަތުގައި ސަރުކާރުން ދެއްވެން އޮތް ހުރިހާ އެހީތެރިކަމަކާ އެއްބާރުލުމެއް ދެއްވާނެކަމުގެ ޔަގީންކަންވެސް ރައީސް ދެއްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި މިއީ ބައިނަލްއަގްވާމީ ކުޅިވަރުގެ މައިދާނުގައި މުޅި ދިވެހިރާއްޖެއަށް ލިބުނު ވަރަށް ބޮޑު އުފަލަކާ ކުރިއެރުމެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!