ޚަބަރު

ހުސައިން މުޙައްމަދަކީ ދަތި އުނދަގޫ ވަގުތުތަކުގައިވެސް ހެޔޮ ލަފާ މަޝްވަރާ ދެއްވި އެކުވެރިއެއް: ރައީސް ޞާލީޙް

އާއިޝަތު އަލީނާ ، ދެން އޮންލައިން

ރޭ ދަންވަރުގެ ވަގުތެއްގައި ނިޔާވި، ރައްޔިތުން މަޖިލީހުގެ މަތިވެރި ދާއިރާގެ ކުރީގެ މެމްބަރު ޙުސައިން މުޙައްމަދަކީ، ދަތި އުނދަގޫ ވަގުތުތަކުގައިވެސް ހެޔޮ ލަފާ މަޝްވަރާ ދެއްވި އެކުވެރިއެއް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައްޔިތުންގެ މަޖިލީހުގެ އިތުރުން ނޫސްވެރިކަމުގެ ދާއިރާގައި ވެސް ގިނަ މަސައްކަތެއް ކުރެއްވި ޙުސައިން މުޙައްމަދު ނިޔާވުމާއި ގުޅިގެން، ކުރެއްވި ޓްވީޓެއްގައި ރައީސް ވިދާޅުވީ، ހުސެއިން މުޙައްމަދު ނިޔާވި ޚަބަރުއެހީ ފުން ހިތާމައާއިއެކުގައި ކަމަށެވެ. އަދި އެމަނިކުފާނަކީ، ޤައުމަށް ތަފާތު އެކި ދާއިރާތަކުން ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށާއި ދަތި އުނދަގޫ ވަގުތުތަކުގައިވެސް ހެޔޮ ލަފާ މަޝްވަރާ ދެއްވި އެކުވެރިއެއް ކަމަށްވެސް ރައީސްގެ ޓްވީޓްގައި ވިދާޅުވިއެވެ. އަދި މަރުޙޫމަށް ސުވަރުގޭގެ ނިއުމަތް މިންވަރު ކުރައްވައި އާއިލާއަށް ކެތްތެރިކަންދެއްވުމަށް ﷲގެ ހަޒްރަތުގައި ދަންނަވާކަމަށްވެސް އެޓްވީޓްގައިވެއެވެ.

ހުސެން މުހައްމަދު ވަނީ ތައުލީމީ ދާއިރާގެ ތަފާތު އެކިއެކި މަޤާމުތަކާއި އިސްމަޤާމުތައް އަދާކުރައްވައި އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައެވެ. އެގޮތުން އީޑީސީގެ އެކިއެކި މަގާމުތަކާއި، އެޑިޔުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ކަމާއި، ޑެޕިއުޓީ މިނިސްޓަރކަން ކުރެއްވިއެވެ.

މީޑިއާގެ ދާއިރާއާއި ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ، ހުސެން މުހައްމަދު ވަނީ ޓީވީ މޯލްޑިވްސްގެ ޑެޕިއުޓީ ޑިރެކްޓަރ، ޑިރެކްޓަރ އޮފް ޕްރޮގްރާމްސް އަދި ޑިރެކްޓަރ ޖެނެރަލްކަމާއި، އެގްޒެކެޓިވް ޑިރެކްޓަރކަން ވެސް އަދާކުރައްވާފައެވެ.

އޭގެއިތުރުން ދިވެހިރާއްޖޭގެއަޑުގެ ބޭރުގެ ޚަބަރުތައް ލިޔުއްވުމުގެ މަސައްކަތް 1980ގެ އަހަރުތަކުން ފެށިގެން 2000ގެ އަހަރުތަކަށް ކުރެއްވި އިރު، އާފަތިސް ނޫހުގައި ބޭރުގެ ޚަބަރުތައް ލިޔުއްވުމުގެ މަސައްކަތް 1980ގެ އަހަރުތަކުން 2000ގެ އަހަރުތަކަށް ވެސް ވަނީ ކުރައްވާފައެވެ.

"ބޭރުދުނިޔެއިން ކުޅިވަރު" އަކީވެސް ޙުސައިން، މުޅިން އަލަށް ރާއްޖޭގެ ނޫސްވެރިކަމަށް ތައާރަފުކުރެއްވި ސޮފުހާއެކެވެ.

ދުނިޔޭގެ ސިޔާސީ މަސްރަހު ދިރާސާކުރެއްވުމުގެ މުފައްކިރެއްގެ ގޮތުގައި 30 އަހަރުގެ ޢިލްމީ ތަޖުރިބާއަށްފަހު، ރާއްޖޭގެ ސިޔާސީ މަސްރަހުގައި އިސްސަފުގައި ހަރަކާތްތެރިވެވަޑައިގަންނަވަން ފެށްޓެވީ 2005 ވަނަ އަހަރުގައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ އަރިއަތޮޅު އުތުރުބުރީގެ މެންބަރުކަން 2005 އިން 2009 އަކަށް ކުރައްވާފައިވާ އިރު، ރައްޔިތުންގެ މަޖިލިސްގެ މަތިވެރި ދާއިރާގެ މެންބަރުކަން 2009 ވަނަ އަހަރުން 2019 ވަނަ އަހަރަށް ހުސެން ވަނީ ކުރައްވާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!