ޚަބަރު ސަރުކާރު

ވައި ގަދަވާނެކަމަށް ބަލައި އިމާރާތް ކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ހުޅުމާލޭގައި ހަދަމުންދާ އިމާރާތެއް

ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިދުވަސްވަރު ކުރަމުންދާ ވިއްސާރައިގައި ވައި ގަދަވާނެކަމަށް ލަފާ ކުރެވޭތީ އިމާރާތް ކުރުމުގެ މަސައްކަތް ކުރާ ފަރާތްތަކުން އިތުރަށް ސަމާލުވުމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އެންފްރާސްޓްރަކްޗާ އިން އިލްތިމާސްކޮށްފި އެވެ.

Ads by Hajj Corporation

އެ މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ކުރިއަށް އޮތީ ހުޅަނގު މޫސުމުގެ ގަދަ ވިއްސާރަ ކަމަށް ވުމުން މޫސުން ގޯސްވެ ވައިގަދަވުމުގެ ސަބަބުން އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މަސައްކަތުގެ ސައިޓްގައި ހަރުކޮށްފައިވާ ނުވަތަ ބޭނުންކުރާ ތަކެތި ވަޔާ ވިއްސައިގެން ގޮސް ހިތާމަވެރި ހާދިސާއެއް ހިނގިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ އެންމެހައި ސަލާމަތީ ފިޔަވަޅުތައް އަޅާ، ސަލާމަތީ މިންގަނޑުތައް ކަށަވަރުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

މިވަގުތު އިމާރާތްކުރުމުގެ މަސައްކަތް މަޑުޖެހިފައިވާ ސައިޓްތަކުގައިވާ ތަކެތި ވައިގަދަވުމުގެ ސަބަބުން ވިއްސައިގެން ގޮސްދާނެފަދަ ހާލަތެއްގައި ހުރިނަމަ، އެ ތަކެތި ރައްކާތެރި ގޮތުގައި ބަލަހައްޓާ، އަޅަންޖެހޭ އެންމެހާ ސަލާމަތީ ފިޔަވަޅުތައް އެޅުމަށްވެސް މިނިސްޓްރީން ވަނީ އެދިފަ އެވެ.

ކުރިއަށް އޮތް ހަފްތާއަކީ ހުޅަނގު މޫސުމުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަ ކުރާނެ ދުވަސްތަކެއްކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ. އެއާއެކު ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖުމެންޓުންވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

އެންޑީއެމްއޭއިން ނެރުނު އިރުޝާދުތަކުގައި ބުނެފައިވަނީ ވާރޭވެހި ފެންބޮޑުވެދާނެތީ އެކަމަށް ދުރާލައި ތައްޔާރުވުމުގެ ގޮތުން ގެއަށް ފެންނުވަންނާނެހެން ގޭގެ ދޮރުމަތީގައި ވެލިބަސްތާ ފަދަ ތަކެތި ޖެހުމަށް އިލްތިމާސް ކުރާކަމަށެވެ. އަދި ފުރާޅު އެއްލާނުލާނެ ފަދަ ގޮތަކަށް ވާ ބޭނުންކޮށްގެން އެއްސުމާއިއެކު ގަދަ ވައިގެ ސަބަބުން އެއްލާލަފާނެ ފަދަ ތަކެތި ބަނދެފައި ބެހެއްޓުން މުހިންމުކަމަށްވެސް އެންޑީއެމްއޭއިން ވަނީ ބުނެފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!