ޚަބަރު

މީޑިއާތަކަށް 30 ޕަސެންޓް މީހުންގެ އިތުބާރު ނެތް: އެމްޖޭއޭގެ ދިރާސާ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ނޫސްވެރި ސައްލާ ރަސްމިއްޔާތުގައި އެމްޖޭއޭގެ ދިރާސާ ރިޕޯޓް އިފްތިތާހު ކުރަނީ - ފޮޓޯ: އެމްޖޭއޭ

ނޫސްތަކާއި ޓީވީތައް ހިމެނޭ ގޮތަށް މީޑިއާތަކުން ގެނެސްދޭ ހަބަރުތަކަށް، ގާތްގަނޑަކަށް 30 ޕަސެންޓް މީހުންގެ އިތުބާރު ނެތް ކަން، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ ދިރާސާއަކުން ދައްކައިފިއެވެ.

Ads by Sosun Fihaara

ޔޫރަޕިއަން ޔުނިއަން (އީޔޫ) ގެ އެހީތެރިކަމާއެކީ، ދިވެހި ނޫސްވެރިން ތަމްސީލްކުރާ ޖަމިއްޔާއިން ކުރިއަށް ގެންދިޔަ ސާވޭތަކުގައި ބައިވެރިވީ 667 މީހުނެވެ. އެއީ ގްރޭޓާ މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ 11 އަތޮޅަކުން، ސާވޭގެ ސުވާލުތަކަށް ޖަވާބު ދިން މީހުން ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

ސާވޭގައި ބައިވެރިވި މީހުންގެ 34 ޕަސެންޓް ދެކެނީ ޓީވީތަކުން ގެނެސްދޭ ހަބަރާއި މައުލޫމާތު އެންމެ ރަނގަޅު ނޫން ކަމަށެވެ. ޓީވީތަކުން ގެނެސްދޭ ހަބަރުތައް ސައްހަ ކަމަށް ބުނީ 56 ޕަސެންޓެވެ. ނޭނގޭ ކަމަށް ބުނާ 10 ޕަސެންޓް މީހުން ތިއްބެވެ.

އޮންލައިން ނޫސްތަކުން ވެސް ހަބަރުތައް ގެނެސްދެނީ އެންމެ ރަނގަޅަށް އަދި ތެދަށް ނޫން ކަމަށް ސާވޭގައި ބައިވެރިވި 39 ޕަސެންޓް މީހުން ދެކެއެވެ. އޮންލައިން ނޫސްތަކުގެ ހަބަރުތައް ސައްހަ ކަމަށް ބުނަނީ 52 ޕަސެންޓެވެ. ނޭނގޭ ކަމަށް ބުނާ ނުވަ ޕަސެންޓް މީހުން ތިއްބެވެ.

ރޭޑިއޯ، ނޫސް މަޖައްލާތަކުން ގެނެސްދޭ ހަބަރުތަކުގެ ސައްހަ ކަމާ މެދު ސުވާލު އުފައްދާ، އިތުބާރު ކުރަން ދަތި ކަމަށް، ސާވޭގައި ބައިވެރިވި 23 ޕަސެންޓް މީހުން ދެކޭ ކަމަށް އެ ރިޕޯޓުން ދައްކަ އެވެ. މިއީ މިހާރު މީހުން މީޑިއާމެއްގެ ގޮތުގައި އެންމެ ދަށްކޮށް ބޭނުންކުރެވޭ ވަސީލަތްކަމުން ނޭނގޭ ބުނާ މީހުން ގިނައެވެ.

ގައުމީ އަދި އާންމު މީހުންގެ މަސްލަހަތުގައި ޓީވީތަކުން ހަބަރާއި މައުލޫމާތު ގެނެސްދޭ ކަމަށް ދެކެނީ 54 ޕަސެންޓެވެ. އެހެން ނުދެކޭ ކަމަށް 39 ޕަސެންޓް ބުންޏެވެ. އެ ގޮތަށް ނޫސްތަކުން މަސައްކަތްކުރާ ކަމަށް ދެކެނީ 51 ޕަސެންޓެވެ. އެ ގޮތަށް މަސައްކަތް ނުކުރާ ކަމަށް 38 ޕަސެންޓް ދެކެއެވެ.

އެކި ސުވާލުތަކުގެ ޖަވާބުތަކަށް ބަލާއިރު ގާތްގަނޑަކަށް 30 ޕަސެންޓާއި 40 ޕަސެންޓާ ދެމެދުގެ އާބާދީއެއް، މީޑިއާތަކަށް އިތުބާރު ކުރަން ދަތި ކަން، "މީޑިއާ މިރޯ" ނަމުގައި ނެރުނު ރިޕޯޓުން ފެނެއެވެ.

ދިރާސާއިން ދައްކާ ގޮތުގައި ގިނަ މީހުން ހަބަރުތައް ބަލަނީ އޮންލައިން ނޫސްތަކުންނެވެ. އޮންލައިން ނޫސްތަކުން ހަބަރުތައް ބަލާ ކަމަށް 61 ޕަސެންޓް ބުންޏެވެ. ޓީވީތަކުން ހަބަރު ބަލާ ކަމަށް ބުނަނީ 25 ޕަސެންޓެވެ. ރޭޑިއާއިން ހަބަރު ހޯދަނީ ފަސް ޕަސެންޓެވެ. ނޫސް މަޖައްލާއިން ބަލަނީ ނުވަ ޕަސެންޓެވެ.

ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގެ ތެރެއިން ހަބަރު ގިނަ މީހުން ބަލަނީ ފޭސްބުކުންނެވެ. އެއީ 64 ޕަސެންޓެވެ. ޓްވިޓާއިން ހަބަރު ބަލަނީ ތިން ޕަސެންޓެވެ. އިންސްޓަގްރާމުން ފަސް ޕަސެންޓް އަދި ވައިބާއިން ފަސް ޕަސެންޓެވެ. ގޫގުލް މެދުވެރިކޮށް ހަ ޕަސެންޓް މީހުން ހަބަރު ބަލަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!