ޚަބަރު

ދެ މަސް ދުވަހަށް ފެނާއި ކަރަންޓުގެ ބިލު ކުޑަކޮށްދޭން ނިންމައިފި

ދެ މަސް ދުވަހަށް ފެނާއި ކަރަންޓުގެ ބިލު ކުޑަކޮށްދޭން ސަރުކާރުން ނިންމައިފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ފެނާއި ކަރަންޓު ބިލު ކުޑަ ކުރިަން ނިންމާފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން މިއަދު ތައާރަފްކުރި 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ޕެކޭޖުގެ ތެރެއިން ކަމަށެވެ.

އެގޮތުން ކުރިއަށް އޮތް ދެ މަސްދުވަހުގެ ކަރަންޓު ބިލުގެ 40 އިންސައްތަ އަދި ފެން ބިލުގެ 30 ޕަސެންޓު ކުޑަކޮށްދޭން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކަރަންޓް ބިލާއި ފެން ބިލުން ބައެއް ސަބްސިޑައިޒްކުރުމަށް ޖުމްލަ 300 މިލިއަން ރުފިޔާ ކަނޑައަޅާފައިވާކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ވައިރަހާއި ގުޅިގެން، ދުނިޔޭގެ އިޤްތިޞާދަށް ބޮޑެތި ލޮޅުންތައް އަންނަމުންދާކަމަށެވެ.

މި ވައިރަސް އާ ގުޅިގެން ރާއްޖޭގައިވެސް އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާއިރު، ރާއްޖޭގެ އިޤްތިޞާދަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބި، ނާޒުކު ހާލަތަކަށް ގޮސްދާނެކަމަށް އަންދާޒާކުރެވޭކަމަށްވެސް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!