ޚަބަރު

ވިޔަފާރިތަކަށް އެހީވުމަށް 2.5 ބިލިއަން ރުފިޔާގެ ޕެކޭޖެއް ތައާރަފު ކުރަނީ

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ އިޤްތިޞާދަށް ކުރަމުންދާ ނޭދެވޭ އަސަރު ކުޑަކުރުމުގެ ގޮތުން ސަރުކާރުން ތަޢާރަފުކުރާ އެހީތެރިކަމުގެ ޕެކޭޖުގެ ތެރެއިން ވިޔަފާރިތަކަށް 2.5 ބިލިއަން ރުފިޔާގެ ލޯނު އެހީ ލިބޭނެ އިންތިޒާމު ހަޖައްސައިފިކަން ސަރުކާރުން އިޢުލާނުކޮށްފިއެވެ.

Ads by Hajj Corporation

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ސަރުކާރުން ތައާރަފު ކުރުމަށް ނިންމާފައިވާ އެ އެހީގެ ޕެކޭޖަކީ މިވަގުތު ކޮވިޑް-19 ގެ ސަބަބުން ލޮޅުން އަރާފައިވާ ވިޔަފާރިތައް އަރައި ގަތުމަށް އެހީއަކަށް ވެގެންދާނެ ކަމަށެވެ.

އަމީރު ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ހުރިހާ ދާއިރާތަކަށް އިގްތިސޯދީ ލޮޅުންތައް އަރަމުން އަންނަ ކަމަށާއި ވިޔަފާރިތަކުގެ ކޭޝްފްލޯ އަށްވެސް އަސަރު ކުރަމުންދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ވިޔަފާރިތަކަށް ވޯކިން ކެޕިޓަލް ނުވަތަ ވިޔަފާރީގެ ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްކުރުމަށް ބޭނުންވާ ރައުސުލް މާލު ފޯރުކޮށްދިނުމުގެ ގޮތުން، ބައެއް ބޭންކުތައް މެދުވެރިކޮށް ފެސިލިޓީތަކެއް ތަޢާރަފުކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ޖުމްލަ 2.5 ބިލިއަން ރުފިޔާގެ ލޯނު މި ފެސިލިޓީތަކުގެ ތެރެއިން ދޫކުރެވޭނެ ކަމުގައިވެސް އަމީރު ވިދާޅުވިއެވެ.

މި ފެސިލިޓީގެ ދަށުން ދޫކުރެވޭ ލޯނުތަކަކީ އިންޓަރެސްޓު ރޭޓު ކުޑަ ލޯނުތަކެއް ކަމަށާއި އެއީ ހަ އިންސައްތަ ކަމުގައި އަމީރު ވިދާޅުވިއެވެ. އަދި ލޯނުތައް ދޫކުރަނީ ތިން އަހަރުން އަނބުރާ ދައްކަންޖެހޭ ގޮތަށް، ހަ މަސް ދުވަހުގެ ގްރޭސް ޕީރިއަޑަކާ އެކީގައި ކަމަށާއި މި ލުއި ލޯނުތައް ހޯދުމަށް ކޮލަޓަރަލްއެއް ބޭނުންނުވާނެ ކަންވެސް އަމީރު ފާހަގަކުރެއްވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!