ޚަބަރު އިޖުތިމާޢީ

ޖިނާއީ ކުށްތަކުގައި ޝާމިލުވި 50 ބިދޭސީއަކު ޑީޕޯޓުކުރަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ފާއިތުވެދިޔަ ހަ މަސްދުވަހު ބިދޭސީންގެ ތެރެއިން ޖިނާއީ ކުށްތަކުގައި ޝާމިލުވި 50 މީހަކު ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

ފުލުހުން ވިދާޅުވީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ ރައްކާތެރި އަމާން މާހައުލެއް ގާއިމުކުރުމާއި ރައްޔިތުން ހޭލުންތެރިކުރުވުމަށް މެދުނުކެނޑި މަސައްކަތްކުރަމުންދާ ކަމަށާއި އެގޮތުން ފާއިތުވި 6 މަސްދުވަހުގެ ތެރޭގައި ވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

މި މުއްދަތުގައި ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް 309 އޮޕަރޭޝަން ހިންގައި 35 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވެ އެވެ. އަދި ވައްކަމުގެ އެކި މައްސަލަތަކުން ހަތަރު މިލިއަނެއްހައި ރުފިޔާ އަނބުރާ ހޯދާފައިވާއިރު ގަވާއިދާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީންގެ ތެރެއިން ޖިނާއީ ކުށްތަކުގައި ޝާމިލުވި 50 މީހަކު ޑީޕޯޓުކުރުމަށް މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައިވެ އެވެ.

މީގެ އިތުރުން އަވައްޓެރި ފުލުހުންގެ ޚިދުމަތުގެ ތެރެއިން 905 ހަރަކާތް މުޅި ރާއްޖޭގައި ހިންގާފައިވާއިރު ރައްޔިތުންނަށް ހާއްސަކޮށްގެން 525 ޕްރޮގްރާމް ހިންގާފައިވެ އެވެ. މީގެ ތެރޭގައި ކުށުން ރައްކާތެރިކުރުވުމަށް ރައްޔިތުންނަށް މައުލޫމާތު ދިނުމާއި ގާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތައް ހިމެނެ އެވެ.

މި މުއްދަތުގައި ކުރެވުނު މުހިންމު މަސައްކަތެއްގެ ގޮތުގައި، 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ސެކިއުރިޓީ ބަލަހައްޓައި، ވޯޓުލުމަށް އަމާން މާހައުލެއް ގާއިމުކުރުމަށް ކަމާ ގުޅުންހުރި އިދާރާތަކާ އެކު ކާމިޔާބު މަސައްކަތްތަކެއް ވަނީ ކުރެވިފައިވެ އެވެ.

އޭގެ އިތުރުން، މި މުއްދަތުގައި ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން 554 މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވެ އެވެ. އަދި ކުރިން ތަހުގީގު ކޮށްފައިވާ 42 މައްސަލައެއްގައި ކޯޓު މަރުހަލާގައި ހުކުމްތައް ކޮށްފައިވެއެވެ. އަދި އެކި މައްސަލަތަކުގައި 3691 މީހުން ހައްޔަރުކޮށްފައިވެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!