ބައްސާމަކީ ކުށްވެރިއެއް ކަމަށް ބުނާނަމަ ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބެލެވޭނެ: ކްރިމިނަލް ކޯޓު
ހިޔާނާތާއި މަނީ ލޯންޑަރިންގެ ތުހުމަތުގައި ދައުވާ ކުރެވޭ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަކީ ކުށްވެރިއެއް ކަމުގައި ގޮތުގައި ސިފަ ކުރުމަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ ގޮތުގައި ބެލެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.
ކްރިމިނަލް ކޯޓުން މިއަދު ނެރުނު އަމުރެއްގައި ބުނީ, މި އަމުރު ނެރެން ޖެހުނީ ޖިނާއީ ކުށެއް ކުރިކަމުގެ ދައުވާ އެމީހެއްގެ މައްޗަށް އުފުލިފައިވާ ކޮންމެ ފަރާތަކީ ކޯޓުން އެމީހެއްގެ މައްޗަށް ކުށް ސާބިތުވުމުގެ ކުރިން ކުށެއް ނެތް މީހެއްކަމުގައި ބެލުމުގެ ހައްގު ލިބިގެންވާ މީހެއްކަމުގައިވާތީ ކަމަށެވެ.
އެގޮތުން މި މައްސަލަ ކޯޓުން ވަކިގޮތަކަށް ނިންމުމުގެ ކުރިން، ގާނޫނުއަސާސީގައި ބަޔާންވެގެންވާ ބުނެވުނު ހައްގަށް އެއްވެސް އަސަރެއް ކުރާނޭ މޭރުމަކުން، ގާނޫނުއަސާސީގެ އެންމެހައި، ހަމަތަކާއި، ގާނޫނާއި، އެންމެހައި ފަރުދުންގެ ހައްގުތަކާއި މިނަވަންކަން ނެގެހެއްޓުމުގެ ޒިންމާ ގާނޫނުއަސާސީއިން މަތިކޮށްފައިވާ އެއްވެސް ފަރާތަކުން، ހިޔާލުފާޅުކޮށް ނުހެދުމަށް އަމުރުކޮށްފައިވެ އެވެ.
"މިފަދަ ކޮންމެ ކަމަކީ ކޯޓުގެ ހުރުމަތް ކެނޑުންކަމުގައި ބެލިދާނެ އަމަލެއް ކަމުގައި އަންގަމެވެ." ގާޒީ އިސްމާއީލް ޝަފީއު ނެރުއްވި އަމުރުގައިވެއެވެ.
މި އަމުރަކީ ބައްސާމްގެ ފަރާތުން އެގޮތަށް އެދިގެން ނެރެފައިވާ އަމުރެކެވެ.
ބައްސާމްގެ މައްޗަށް 31 ޖަނަވަރީ 2024 ދުވަހު ހިޔާނާތާއި މަނީ ލޯންޑްރިންގެ ދައުވާ ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅާފައެވެ.