ޚަބަރު

އެހެން ރަށަކުން ނަމަވެސް ހުކުރު ހުތުބާ ލައިވް ކުރުމަށް ޝަހީމް ގޮވާލައްވައިފި

ކޮވިޑް-19އާ ގުޅިގެން މާލޭއާއި ރިސޯޓުތަކުގައި ހުކުރު ނަމާދުކުރުން ހުއްޓާލާފައިވާތީ އެހެން ރަށަކުން ނަމަވެސް ހުކުރު ހުތުބާ ލައިވް ކޮށްދިނުމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގޮވާލައްވައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ އިއްޔެއިން ފެށިގެން މި މަހުގެ 28 ވަނަ ދުވަހުގެ އަސުރު ނަމާދާ ހަމައަށް މާލެ އާއި ރިސޯޓުތަކުގައި ޖަމާއަތުގައި ނަމާދުކުރުމާއި ހުކުރުކުރުން މެދު ކަނޑަލާން އަންގާފައެވެ. ޝަހީމް ވަނީ މި ނިންމުމަށް ތާއީދު ވެސް ކުރައްވާފައެވެ.

ޝަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭ ސަރަހައްދުގައު ހުކުރު ނަމާދު ގާއިމް ނުކުރެވޭ ހާލަތުގައި އެހެން ރަށަކުން ނަމަވެސް ހުކުރު ނަމާދު އަދި ހުކުރު ހުތުބާ ޓީވީ އާއި ރޭޑިއޯއޮން ލައިވް ކުރުން ވަރަށް މުހިންމު ކަމަށެވެ.

"އިސްލާމީ ޝިއާރުތައް ރާއްޖޭގައި މަތިވެރިކުރުން ވަރަށް މުހިންމު، ﷲގެ ރަހުމަތުގެ ދޮރަކީ އެއީ،" ޝަހީމް ވިދާޅުވިއެވެ.

މާލެ އާއި ވިލިމާލެ އާއި ހުޅުމާލެ އާއި ހުރިހާ ރިސޯޓުތަކެއްގައި ފަރުޟު ނަމާދުތައް ޖަމާއަތުގައި ކުރުން ހުއްޓާފައިވާއިރު، އަންނަ ހުކުރު ދުވަހު މާލެ އާއި ވިލިމާލެ އާއި ހުޅުމާލެއާ ރިސޯޓުތަކުގައި ހުކުރު ނަމާދު ނުކުރާ ގޮތަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!