ޚަބަރު

ސީޕްލޭން ޓާމިނަލް ފުލްމޫނަށް ބަދަލުކުރަނީ

ފާރިހާ ޢަދުނާން ، ދެން އޮންލައިން
ސީޕްލޭން ޓާމިނަލް: - ފޮޓޯ: މޯލްޑިވިއަން

މިހާރު ބޭނުންކުރަމުންދާ ސީޕްލޭން ޓާމިނަލްއާ، ސީޕްލޭން އޮޕަރޭޝަން ޝެރެޓަން ފުލް މޫން ރިސޯޓަށް ބަދަލުކޮށް، ސީޕްލޭން ޓާމިނަލް ހިއްކާ އެތަނުގައި އަޅާނީ ޖެޓް ޓާމިނަލެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

Ads by MWSC

މިނިސްޓަރ ސައީދު ވިދާޅުވީ، މިހާރު ބޭނުންކުރަމުން ދާ ސީޕްލޭން ޓާމިނަލް އާއި ސީޕްލޭން އޮޕަރޭޝަން، ޝެރެޓަން ފުލް މޫން ރިސޯޓަށް ބަދަލު ކުރުމުގެ މަޝްވަރާ ފެށިފައި ވާކަމަށެވެ. މިއަދު ބޭއްވި ޕްރެސް ބްރީފިންއެއްގައި މިނިސްޓަރު ވިދާޅުވީ، އެ ނިންމުމަކީ، އެއާޕޯޓު އިތުރަށް ތަރައްގީ ކުރުމަށް ބޭނުންވާ ޖާގަ އިތުރުކޮށް، މުޅި އޮޕަރޭޝަން ހަލުވި ކުރުމަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

"މިހާރު ހިންގާ ޓާމިނަލް ބަދަލުވާނީ ޖެޓް ޓާމިނަލަކަށް، އެ ތަނުގެ މޫދު ހިއްކާފައި، އެ ތަނުގައި އަޅާނީ ޑޮމެސްޓިކް ޓާމިނަލް، އެހެންވީމާ ސީޕްލޭން ޓާމިނަލް ބަދަލުކުރާނީ ފުލްމޫން ރިސޯޓަށް، މި ކަމާ ގުޅޭ މަޝްވަރާތައް ކުރެވެމުންދަނީ،" ސައީދު ވިދާޅުވިއެވެ.

އިތުރަށް މިނިސްޓަރ ވިދާޅުވީ، އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުތަކަކީ ނިމޭނެ ކަމެއް ނޫން ކަމަށެވެ. ރާއްޖެ ތަރައްގީ ވަމުން އަންނަ ވަރަކަށް އެއާޕޯޓް ވެސް ދާނީ ތަރައްގީ ވަމުން ކަމަށާއި، އެއީ ތަރައްގީވަމުން އަންނަ އެހެން ގައުމުތަކުގައި ވެސް ކަންތައް ކުރަމުންދާ ގޮތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސީޕްލޭން ޓާމިނަލް އެހެން ތަނަކަށް ބަދަލުކުރި ނަމަވެސް މޮނޯރެއިލް ހިދުމަތުން އެ ތަނާއި އެއާޕޯޓާ ގުޅައިލާނެ ކަމަށް ސަރުކާރުން މީގެ ކުރިން ބުނެފައިވެއެވެ. ސަރުކާރުން އަންނަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވީއައިއޭގެ އާ ޓާމިނަލް ހުޅުވަން މަސައްކަތްކުރަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!