މަޖިލީހުގެ ރައީސާއި ނައިބު ހޮވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ ސިޔާމް
ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރުގެ ރައީސާއި ނައިބު ރައީސް ހޮވުމަށް ބާއްވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މީދޫ ދާއިރާގެ އިންތިޚާބީ މެންބަރު އަހުމަދު ސިޔާމް މުޙައްމަދު ކަމަށް މަޖިލީހުން ބުނެފިއެވެ.
މަޖިލީހުގެ ރައީސާއި ނައިބު ހޮވުމަށް ބާއްވާ ޖަލްސާ އޮންނާނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. މި ޖަލްސާ އޮންނާނީ ރައްޔިތުންގެ މަޖިލީހަށް އަލަށް އިންތިޚާބުވި މެންބަރުން ހުވާ ކުރުމުގެ ރަސްމިއްޔާތައް ފަހުއެވެ. އެ ރަސްމިއްޔާތު އޮންނާނީ އަންގާރަ ދުވަހުގެ ހެނދުނު 9:00 ގައެވެ.
ރައްޔިތުންގެ މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަންސް ޑިރެކްޓަރ ޙަސަން ޒިޔާޢު ވިދާޅުވީ މަޖިލީހުގެ ރައީސާއި ނައިބު ހޮވުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުޙައްމަދު ކަމަށެވެ.
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ރައީސާއި ނައިބު ރައީސް އިންތިހާބު ކުރެވެންދެން މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަން ޖެހެނީ ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބަވާ މެމްބަރުންގެ ތެރެއިން މަޖިލީހުގެ މެމްބަރުކަމުގައި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ މެންބަރެވެ.
އެގޮތުން ސިޔާމް ވަނީ މިހާތަނަށް މެދުނުކެނޑި ހަތަރު ދައުރު މަޖިލީހުގެ މެންބަރުކަން ކުރައްވައިފައެވެ.
ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަދި ނައިބް ރައީސް ކަމަށް ދިއްގަރު ދާއިރާގެ އިންތިހާބީ މެމްބަރު އަހުމަދު ނާޒިމް އިންތިހާބުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހުށަހަޅާފައެވެ.