އެމްޑީޕީގެ މައި ހަރުގޭގެ ގޮތުގައި ބޭނުންކުރަމުން ދިޔުމަށްފަހު ޑިމޮކްރެޓްސްގެ މައި ހަރުގޭގެ ގޮތުގައިވެސް ބޭނުންކުރި ހަރުގެ ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީއަށް ނަގައިފި އެވެ.
އާޓިފިޝަލް ބީޗު ކުރިމައްޗަށް ވާ ގޮތަށް ބޮޑުތަކުރުފާނު މަގުގައި ހުންނަ އެ ހަރުގެ އެންމެ ފުރަތަމަ ބޭނުންކުރީ އެމްޑީޕީންނެވެ. އެޕާޓިން އެތަން ބޭނުން ކުރަމުން ދިޔައީ ޖަގަހަ ޖަލްސާތައް ބޭއްވުމަށާއި މަގުމަތީ ހަރަކާތްތައް ފެށުމުގެ ޖަލްސާތައް ކުރިއަށް ގެންދިޔުމަށެވެ.
ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި ޑިމޮކްރެޓްސް އުފެއްދުމަށްފަހު އެ ހަރުގެ ބޭނުންކުރީ އެޕާޓީންނެވެ. ދަ ޑިމޮކްރެޓްސް ހައުސްގެ ނަމުގައި އެ ހަރުގެ ބޭނުންކުރަމުން ދިޔައީ އެ ބިމުގެ ވެރިފަރާތް ޝަފިއްޔާ ޒުބައިރު ޑިމޮކްރެޓްސްއަށް ސޮއި ކުރުމުންނެވެ.
ރައީސް ނަޝީދު ސިޔާސީ ދާއިރާއާއި ފެއަށް ޖެހިލުމާއި ޑިމޮކްރެޓްސްއަށް މިދިޔަ ދެ އިންތިހާބުގައިވެސް ލިބުނު ނާކާމިޔާބީއަށްފަހު ހަރުގެ ހުސްކުރަން ފެށި އެވެ. މިކަމާއި ގުޅޭގޮތުން ސުވާލު ކުރުމުން ޑިމޮކްރެޓްސްއިން ބުނީ އެތަން ހުސްކުރަނީ އިމާރާތް ކުރުމުގެ ބޭނުމަށް ކަމަށެވެ.
އެހެންނަމަވެސް މިހާރު އެ ހަރުގެ ޕީއެންސީން ކުއްޔަށް ނަގާފައިވާކަމަށް މައުލޫމާތު ލިބެ އެވެ. އެތަން ކުއްޔަށް ނެގީ 5 އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުންކަމަށްވެސް ވަނީ އެނގިފަ އެވެ.
ހ. ވެޔޮވިލާގައި ހުރި އެ ހަރުގެއަކީ މާލޭގެ ޕްރައިމް ލޮކޭޝަންގައި ހުރި ތަނެއްކަމުން އެތަނަށް އޮންނަ ޑިމާންޑު ބޮޑެވެ. އެތަނުގައި ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ފަސޭހަ އެވެ.
ރައީސް އަބްދުﷲ ޔާމީންއާއި ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކުގެ ތެރެއިން ކުރިން ޕީއެންސީ ހިންގަމުން އައި ޕީޕީއެމް އޮފީސް އެޕާޓީން ވަނީ ދޫކޮށްލައިފަ އެވެ. މިހާރު އެތަނުގައި ހުންނަނީ ޕީއެންއެފްގެ އޮފީހެވެ.
ޢެހެން ސިޔާސީ ޕާޓީތައް އޮތުމަކީ މިހާރު ވެރިކަމުގައި އޮތް ޕާޓީ ބޭނުންވާ ގޮތެއްކަމަށް ނުވުމަކީ އެކަށީގެން ވާކަމެއް، ފެންނަނީ އެކަހަލަ މަންޒަރު ތަކެއް.