އައު މަޖިލިސް މެމްބަރުން މާދަމާ ހުވާ ކުރައްވާނެ

ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރަށް އިންތިހާބުވި މެމްބަރުން މާދަމާ ހުވާކުރައްވާނެ އެވެ.
މެމްބަރުން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ފަށަން ހަމަޖެހިފައިވަނީ މާދަމާގެ ހެނދުނު 9:00 ގައި ކަމަށެވެ.
އިއްޔެ މަޖިލީހުގައި ވަނީ މެމްބަރުން އަހުލުވެރިކުރުވުމުގެ ޕްރޮގުރާމެއްވެސް ކުރިއަށް ގެންގޮސްފަ އެވެ.
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން އާ މެމްބަރުންނާއިއކެު ބާއްވާ ފުރަތަމަ ޖަލްސާގައި މެމްބަރުންގެ ސިއްރު ވޯޓަކުން މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިންތިހާބު ކުރަންޖެހެ އެވެ.
މި ނަމްބަރު ތާވަލުކޮށްގައިވަނީ މާދަމާ ހެނދުނު 10:15 ގަ އެވެ. މިބައިގައި ރިޔާސަތު ބަލަހައްޓަވާނީ މެދުކެނޑުމެއްނެތި އެންމެ ގިނަ ދުވަހު މެމްބަރުކަން ކުރައްވާފައިވާ މެމްބަރެވެ. އެގޮތުން މާދަމާ ޖަލްސާގެ ފުރަތަމަ ބައިގައި ރިޔާސަތު ބަލަހައްޓަވާނީ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް އެވެ.

އާ މަޖިލިސް މެމްބަރުން އަހުލުވެރިކުރުވުމަށް ކުރިއަށް ގެންދިޔަ ޕްރޮގުރާމުގެ ތެރެއިން
20 ވަނަ މަޖިލިސް އެކުލެވިގެންވާ ގޮތަށް ބަލާއިރު ޕީއެންސީގެ 76 މެމްބަރުން މިފަހަރު ތިއްބަވާނެ އެވެ. އެއީ އެޕާޓީގެ ޓިކެޓުގައި ހޮވުނު 66 މެމްބަރުންނާއި އަލަށް އެޕާޓީއާއި ގުޅުނު 10 މެމްބަރުން ހިމެނޭހެންނެވެ.
ދެން ތިއްބަވާނީ އެމްޑީޕީގެ 12 މެމްބަރުން، އަމިއްލަ ގޮތުން އިންތިހާބުވި 10 މެމްބަރުން، އެމްޑީއޭގެ ދެ މެމްބަރުން އަދި ޖުމްހޫރީ ޕާޓީއާއި އެމްއެންޕީ ކޮންމެ ޕާޓީއަކުން މެމްބަރެކެވެ.
އެމްޑީޕީ ފިޔަވައި ދެން ތިއްބެވި ގިނަ މެމްބަރުން ވަނީ ސަރުކާރާއި ގުޅިގެން މަޖިލީހުގައި މަސައްކަތް ކުރަން ނިންމައިފަ އެވެ.
މަޖިލީހުގެ ސުޕަ މެޖޯރިޓީ ޕީއެންސީއަށް ލިބިފައިވާއިރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މަޖިލިސް ރައީސްކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އަދި ނައިބު ރައީސް ކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް އެންޑޯޒް ކުރައްވައިފަ އެވެ.