ސަފީރު އަވަހާރަވުމުން ރައީސްގެ ތައުޒިޔާ މެކްރޮން އަށް

ފްރާންސް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޖޯން ފްރަންސުއާ ޕެކްޓެޓް އަވަހާރަވުމާ ގުޅިގެން ފްރާންސުގެ ރައީސް އެމަނުއެލް މެކްރޮންއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާގެ މެސެޖް ފޮނުއްވައިފިއެވެ.
ރައީސް ފޮނުއްވި މެސެޖުގައި، ސަފީރު ޕެކްޓެޓް އަކީ ރާއްޖެއާއި ފްރާންސާއި ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ކެނޑިނޭޅި މަސައްކަތް ކުރެއްވި ޑިޕްލޮމެޓެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.
އަދި ޕެކްޓެޓްގެ ހިދުމަތުގެ އަގު އަބަދުވެސް ވަޒަންކުރާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ބޭރުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާގޮތުގައި، ޕެކްޓެޓް އަވަހާރަވީއިރު ޑިޕްލޮމެޓުގެ އުމުރަކީ 53 އަހަރެވެ. ސަފީރު ޕެކްޓެޓް އަވަހާރަވީ ކުއްލި އާލާސްކަންފުޅެއްގެ ސަބަބުންކަމަށް މީޑިއާތަކުން ރިޕޯޓު ކޮށްފައި ވެއެވެ.