މަޖިލީހުގައި އެމްޑީޕީއަށް ކަންބޮޑުވުން ފާޅުކުރެވޭނެ ކަމަކަށް ގަބޫލުނުކުރެވޭ: އަހުމަދު ދީދީ
އިންސާފުވެރިކަމާއިއެކު އެމްޑީޕީއަށް މަޖިލީހުގައި ކަންބޮޑުވުންތައް ފާޅުކުރުމަށް ޖާގަ ލިބޭނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން މެމްބަރު އަހްމަދު ދީދީ ވިދާޅުވީ އެމްޑީޕީން މަސައްކަތް ކުރަމުން ދާނީ ސަރުކާރު ޖަވާބުދާރީ ކުރުވުމައް ކަމަށާއި މަޖިލީހުގައި އަމަލު ކުރާނީ އެމްޑީޕީން ކުރިންވެސް މަސައްކަތްކުރަމުން އައި ރޫހުގައި ކަމަށެވެ.
އަހުމަދު ދީދީ ވިދާޅުވީ މަޖިލީހުގައި އެމްޑީޕީއަށް އިންސާފްވެރިކަމާއެކު މަސައްކަތް ކުރެވޭނެ ޖާގަ ލިބިގެންދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި މާޒީއަށް ބަލާއިރު ޕީއެންސީއަކީ ޕީޕީއެމް ތެރެއިން އުފެދިގެން އައި ޕާޓީއެއް ކަމަށެވެ. ޕީޕީއެމްގެ ކުރީގެ ތަޖުރިބާއަށް ބަލާނަމަ އެ ފުރުސަތު ލިބިގެން ނުދާނެ ކަމަށް އަހުމަދު ދީދީ ވިދާޅުވި އެވެ.
“އެހެންނަމަވެސް އަޅުގަނޑުމެން އުންމީދު ކުރަމުން މިދަނީ އެގޮތައް އެބޭފުޅުން ވިދާޅުވާ ކަމަށްވަންޏާ ރައްޔިތުންނަށް ދެއްކުމަށްޓަކާ ވެސް ކޮންމެވެސް ވަރަކަށް މަސައްކަތް ކުރާނެ ކަމަށް” މެމްބަރު ވިދާޅުވި އެވެ.
މެމްބަރު އިތުރަށް ވިދާޅުވީ މަޖިލީހުގައި ހުށައެޅިގެންދާ ކޮންމެ ބިލަކާއިމެދުވެސް ޕާޓީގެ ޕޮލިސީ އޮތް ގޮތެއްގެ މަތިން ހިޔާލުތައް ހުށައަޅަމުން ގެންދަވާނެ ކަމަށެވެ.