ސަރުކާރު ސްކޫލުތައް އޭސީކުރަން "ކޫލް ސްކޫލް" މަޝްރޫއު ފަށައިފި

ސަރުކާރު ސްކޫލުތައް އޭސީ ކުރުމަށް ކުރިއަށްގެންދާ 'ކޫލް ސްކޫލް' މަޝްރޫއު ފަށައި، ކ. މާފުށި ސްކޫލުގައި އޭސީ ހަރުކޮށްފި އެވެ.
ކޫލް ސްކޫލު މަޝްރޫއު ރަސްމީކޮށް އިފްތިތާހުކުރީ މިއަދު ހެނދުނު މާފުށި ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު އެވެ.
އެ މަޝްރޫއު ކުރިއަށް ގެންދާނީ ސަރުކާރާއި ކޮމިއުނިޓީގެ އެހީތެރިކަމާއެކު އެވެ. އެގޮތުން އެންމެ ފުރަތަމަ މާފުށީ ސްކޫލް އޭސީ ޕްރޮޖެކްޓުގެ ފޭސް 1 ގައި ސްކޫލުގެ ހުރިހާ ކްލާސްރޫމްތަކާއި ހޯލް އޭސީ ކުރުމަށް އެ ރަށު ކައުންސިލުން ވަނީ އެހީތެރިވެފަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މަޝްރޫއުގެ ފޭސް 2 ގައި ސްކޫލުގައި ސޯލާ ޕެނަލް ހަރުކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގެ ސަބަބުން ސްކޫލުގައި ބޭނުންކުރާ ކަރަންޓުގެ %30 ސޯލާ ހަކަތައަށް ބަދަލުވެ، ކަރަންޓަށް ދާ ހަރަދު ކުޑަވެގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން އަމާޒު ހިފާފައިވަނީ އެ ޕްރޮޖެކްޓުގެ ދަށުން ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ސަރުކާރު ސްކޫލުތަކެއް އޭސީ ކުރުމަށެވެ.
މިއީ ދަރިވަރުންނާއި މުދައްރިސުން ކްލާސްރޫމްގައި ތިބޭއިރު އިހުސާސްކުރެވޭ ހޫނުމިނުގެ ދަރަޖަ މަތިވެ، އޭގެ ސަބަބުން ތަހައްމަލު ކުރަންޖެހޭ އުނދަގޫތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމަށްޓަކައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދާއެކު ކުރިއަށްގެންދާ މަޝްރޫއުއެކެވެ.