ޚަބަރު

ރައީސް، މަޖިލީހުގެ ރައީސާ ބައްދަލުކުރައްވައިފި

އަލީ ސަމާޙް ، ދެން އޮންލައިން
ރައީސް، މަޖިލީހުގެ ރައީސްއާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން

ރައީސް ޑރ މުހައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ އާއި މިއަދު ބައްދަލުކުރައްވައިފި އެވެ.

Ads by STELCO

އެ ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ. އެ ބައްދަލު ކުރެއްވުމުގައި މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް އަދި ޕީއެންސީ ޕާލަމެންޓަރީ ގްރޫޕު ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ރައީސް އޮފީހުން ބުނީ އެ ބައްދަލުކުރެއްވުމުގައި ރައީސް އާއި މަޖިލީހުގެ ރައީސް، ވަނީ މިވަގުތު ދިވެހިރާއްޖޭގެ ކަންކަން ބާރު ދުވެލީގައި ކުރިއަށް ގެންދިއުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި ކަމަށެވެ. އަދި އެ ދެބޭފުޅުންވަނީ ރާއްޖޭގެ އިގްތިސާދީ ދާއިރާގެ ކަންކަމާ ބެހޭގޮތުންނާއި، ތިމާވެއްޓަށް އަންނަ ބަދަލުތަކާއި، ތިމާވެށި ހިމާޔަތްކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައި ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުންވެސް މި ބައްދަލުކުރެއްވުމުގައި މަޖިލީހުގެ ރައީސް ވަނީ ސަރުކާރުން ދިވެހިރައްޔިތުންގެ ކުރިއެރުމަށް ކުރައްވަން ރާވާފައިވާކަންކަމުގައި، މަޖިލީހުގެ ފަރާތުން ބޭނުންވާނެ އެއްބާރުލުން ފުރިހަމައަށް ދެއްވާނެކަމުގައި ވިދާޅުވެފަ އެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!