ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު ޒަމީރު ލަންކާއަށް ފުރާވަޑައިގެންފި
ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ސްރީލަންކާއަށް މިއަދު ފުރާ ވަޑައިގެންފިއެވެ.
މިނިސްޓަރު ޒަމީރު ލަންކާ އަށް ވަޑައިގަންނަވަނީ، އެ ގައުމުގެ ފޮރިން މިނިސްޓަރު އަލީ ސަބްރީގެ ދައުވަތަކަށެވެ. ޒަމީރު, ލަންކާ އަށް ވަޑައިގަންނަވަނީ ތިން ދުވަހަށެވެ.
ޒަމީރުގެ މި ދަތުރުގައި ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންގެ އިތުރުން އެގައުމުގެ ބޮޑުވަޒީރު، ޑިނޭޝް ގުނަވަދެނާ އާ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ ގައުމުގެ ފޮރިން މިނިސްޓަރާއި ބައްދަލުކުރައްވާ ރަސްމީ ވާހަކަތައް ބޭއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އަދި އެ ބައްދަލުވުމުގައި ރާއްޖެއާއި ސްރީލަންކާ އާ ދެމެދު އޮތް ޒަމާންވީ ގުޅުން ފުޅާކުރުމުގެ މަޝްވަރާތައް ކުރިއަށްދާނެ ކަމަށް ވެސް މިނިސްޓްރީއިން ބުނެފައިވެއެވެ.
މީގެ އިތުރުން ރާއްޖެއާއި ސްރީލަންކާ އާ ދެމެދު ތަފާތު ދާއިރާތަކުން އޮންނަ ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުގެ އިސްވެރިންނާއި ޒަމީރު ބައްދަލުކުރައްވާ ވާހަކަ ދެއްކުމަށް ހަމަޖެހިފައެވެ.
އަދި މީގެ އިތުރުން ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް ހޯދާ ދިނުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ހަމަޖެހިފައިވާކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
މި ދަތުރުގައި ސްޓޭޓް މިނިސްޓަރު ޝެރީނާ އަބްދުއްސަމަދު، އެޑިޝަނަލް ސެކްރެޓަރީ ޝިރުޒިމަތު ސަމީރު އަދި ޑިރެކްޓަރ-ޖެނެރަލް އައިޝަތު ފަރީނާ ބައިވެރިވެވަޑައިގަންނަވައެވެ.
މިނިސްޓަރު ޒަމީރު ސްރީލަންކާއަށް ކުރައްވާ މި ރަސްމީ ދަތުރުފުޅަކީ، އެ މަނިކުފާނު މިނިސްޓަރ ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ސްރީލަންކާއަށް ކުރައްވާ ފުރަތަމަ ދަތުރެވެ.