ޚަބަރު

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި ދެ މީހަކު ރަނގަޅުވެއްޖެ

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި ދެ މީހަކު ރަނގަޅުވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ މި ބަލިން ރަނގަޅުވެފައިވާ ދެ މީހުންނަކީ ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަމުން ދަނިކޮށް ފައްސިވި ދެ މީހުން ކަމަށެވެ. އެ ދެ މީހުންނަކީ އިޓަލީ އަށް ނިސްބަތްވާ ދެމަފިރިންނެވެ.

އަމީން ވިދާޅުވީ އެ ދެ މީހުން ކޮވިޑް-19 އަށް ދެ ފަހަރު ޓެސްޓު ކޮށްފައިވާ ކަަމަށާއި އެ ޓެސްޓުތަކުގެ ނަތީޖާ ނައްސިވެފައިވާ ކަމަށެވެ. އެ މީހުން ހޮސްޕިޓަލުން ދޫކޮށްލި ނަމަވެސް އެމީހުންގެ ހާލަތު އިތުރަށް ބަލައި މޮނީޓާ ކުރެވޭނެ ކަމަށްވެސް އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ރާއްޖޭގައި ހާލަތު އެންމެ ބޮޑަށް ގޯސްވި މީހާ ރަނގަޅުވުމުން މި ބައްޔަށް ދެން ފައްސިވި މީހުންވެސް ބަލިން ސަލާމަތްވާނެ ކަމުގެ އުއްމީދު އެބަ އޮތް ކަމަށެވެ.

މީގެއިތުރުން އަމީން ވަނީ ހުރިހާ ރައްޔިތުން ކެތްތެރިވެ ކަމާބެހޭ ފަރާތްތަކުން އަޅާފައިވާ ފިޔަވަޅުތަކަށް ބޯލެބުމަށާއި އަދި މިކަމުން ރައްކާތެރިވުމަށް ސަރުކާރުން ކުރަމުންދާ އުންމީދު އެއްވެސް މިންވަރަކަށް ކުޑަނުކުރާ ކަމަށްވެސް ވިދާޅުވެފައެވެ.

ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވް ވެފައިވަނީ 13 މީހުން ކަމަށްވާއިރު، މި އެންމެންނަކީ ވެސް ބިދޭސީންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!