އެމެރިކަން ސެންޓަރުގެ ފާރުގައި ފަލަސްތީނު ގްރެފިޓީ ކުރެހި މައްސަލަ ބަލަން ފަށައިފި
އިޒްރޭލުން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކާއި ދެކޮޅަށް އަޑު އުފުލުމުގެ ގޮތުން، މާލޭގައި ހުންނަ އެމެރިކަން ސެންޓާގެ ފާރުގައި ފަލަސްތީނަށް ތާއިދުކޮށް ގްރެފިޓީ ކުރެހި މީހެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
ފާރުގައި ގްރެފިޓީ ކުރެހި އަހުމަދު ސޮބާހު 'އެކްސް' ގައި އާއްމުކޮށްފައިވާ ޕޯސްޓެއްގައި ބުނީ ގްރެފިޓީ ކުރެހި މައްސަލާގައި ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައިވާ ކަމަށެވެ. މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް އޭނާ އެއް ނުދެ އެވެ.
ސޮބާހުގެ ޕޯސްޓުގައި ބުނީ ފާރުގައި ގްރެފިޓީ ކުރެހީ އެއްވެސް ބަޔަކަށް ގެއްލުމެއް ދިނުމުގެ މަގްސަދުގައި ނޫން ކަމަށެވެ. އެއީ ހިޔާލު ފާޅުކުރުމުގެ ނިޔަތުގައި ކަމަށް އޭނާ ބުންޏެވެ.
''އަހަރެންގެ މަގްސަދަކީ މީހަކަށް/ބަޔަކަށް ގެއްލުމެއް ދޭން ނޫންކަން ސާފުކޮށްދޭް ބޭނުން. އޭގެ ބަދަލުގައި އެއީ އާޓިސްޓެއްގެ ހައިސިއްޔަތުން ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުގެ ބޭނުން ހިފައި، ސުލްހަވެރި އިހުތިޖާޖެއް. އާޓަކީ އަބަދުވެސް އިޖުތިމާއީ ކޮމެންޓްރީ އާއި އެކްޓިވިޒަމްގެ ބާރުގަދަ ވަސީލަތެއް. ގްރެފިޓީގެ ސަބަބުން ގިނަފަހަރަށް ހިމޭނުން ތިބޭ މީހުންގެ އަޑު ގަދަކުރެވިދާނެ ކަމަށް އަހަރެން ގަބޫލުކުރީމެވެ'' ސޮބާހު ބުންޏެވެ.
އޭގެ ސަބަބުން ބަޔަކަށް އުނދަގުލެއް ނުވަތަ ނުތަނަވަސްކަމެއް ކުރިމަތިވެފައިވާނަމަ އޭނާ ވަނީ އެކަމަކަށް މާފަށް އެދިފަ އެވެ.