އަވަށްޓެރި ސްރީލަންކާގެ މަސްވެރިންނަށް ދެމެހެއްޓެނިވި ގޮތެއްގައި ދޮށީގެ މަސްވެރިކަން ކުރުމާއި ބެހޭ މައުލޫމާތު ހިއްސާކުރަން ރާއްޖެއިން ޝައުގުވެރިކަން ފާޅުކޮށްފިއެވެ.
ރާއްޖޭގެ ފަރާތުން އެ ޝައުގުވެރިކަން ފާޅުކުރީ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ލަންކާއަަށް ކުރަމުންދާ ރަސްމީ ދަތުރުގައި އެ ގައުމުގެ ފޮރިން މިނިސްޓަރު އަލީ ސަބްރީއާއި އެކު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
އެ މަޝްވަރާ ބައްދަލުވުމުގައި ރާއްޖޭގެ ސަރުކާރުން ލަންކާއަށް އެކި ގޮތްގޮތުން އެއްބާރުލުން ދިނުމަށް އެއްބަސްވެފައިވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ. އެގޮތުން މި ސަރަހައްދުގައި ތިމާވެށީގެ ކަންކަން ބެލެހެއްޓުމުގެ މުހިންމުކަން ފާހަގަކޮށް، ދެމެހެއްޓެނިވި މަސްވެރިކަމުގެ އުސޫލުތައް ލަންކާގެ މަސްވެރިންނަށް ހިއްސާކުރުމަށް މިނިސްތަރު ޒަމީރު ހުށަހެޅިއެވެ.
ޒަމީރު ވިދާޅުވީ، ދެ ގައުމުގެ އިގްތިސާދަށް ވެސް މަސްވެރިކަމުގެ މުހިންމުކަން ދެނެގަނެ، ދެމެހެއްޓެނިވި 'ޕޯލް އެންޑް ލައިން މަސްވެރިކަމުގެ އުކުޅުތަކުގެ މައުލޫމާތު ލަންކާގެ މަސްވެރިންނަށް ހިއްސާކުރަން ރާއްޖެއިން ބޭނުންވާ ކަމަށެވެ.
އެއީ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް) އަދި އެއަށްވުރެ ދުރުގައިވެސް ގަވާއިދާ ހިލާފަށް، ރެގިއުލޭޓް ނުކުރެވޭ، އަދި ރިޕޯޓް ނުކުރެވޭ (އައިޔޫޔޫ) މަސްވެރިކަމާ ދެކޮޅަށް މަސައްކަތް ކުރުމުގެ ގޮތުން ކަމަށް ވެސް ޒަމީރު ވިދާޅުވިއެވެ.
"ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަމުގެ ދާއިރާއިން އަޅުގަނޑުމެންގެ ތަޖުރިބާ ލަންކާއަށް ހުށަހަޅައިދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް. އެކީގައި މަސައްކަތް ކުރުމުން، އަޅުގަނޑުމެން ހިއްސާކުރާ ކަނޑުގެ ވަސީލަތްތަކުގެ ދިގު މުއްދަތަކަށް ދިރިހުރުމުގެ ފުރުސަތު ކަށަވަރު ކުރެވޭނެ،
މީގެއިތުރުން، އެ ބައްދަލުވުމުގައި ދެގައުމު ދެމެދުގައި އޮންނަ ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށްވެސް މަޝްވަރާ ކުރެވުނެވެ. ޑަބަލް ޓެކްސް ނެގުމުން ދުރުހެލިވުމާއި އިންވެސްޓްމަންޓްތައް ކުރިއެރުވުމާއި ހިމާޔަތްކުރުމާ ގުޅޭ އެއްބަސްވުންތައް ހެދުމަށް ދެ ގައުމުން ވެސް އެއްބަސްވެފައިވެއެވެ. މި އެއްބަސްވުންތަކުގެ ސަބަބުން އިގްތިސާދީ ހަރަކާތްތައް ރަނގަޅުވެ، ދެފަރާތުގެ އިގްތިސާދީ ކުރިއެރުން އިތުރުވެގެންދާނެ ކަމަށް ޒަމީރުގެ ވާހަކަގައި ފާހަގަކުރެއްވިއެވެ.
"ދެގައުމުގައި ވިޔަފާރި ކުރުމަށް މަގުފަހިކޮށްދީ ވިޔަފާރި ކުރުމުގެ ނުރައްކާތަކާއި ބުރަތައް ކުޑަކުރަން ޖެހޭ،" ޒަމީރު ވިދާޅުވިއެވެ.
ދެ ގައުމުން ވެސް ވަނީ ޓެރަރިޒަމް، އަނިޔާވެރި ހަރުކަށި ފިކުރު، އިންސާނީ ވިޔަފާރި، އަދި އިންސާނީ ހައްގުތައް ކުރިއެރުވުން ފަދަ މައްސަލަތަކަށް ހައްލެއް ހޯދައިދީ، ސަރަހައްދީ އަދި މަލްޓިލޭޓަރަލް އެއްބާރުލުން ދިނުމަށް އަލުން ވައުދުވެފައެވެ.