ޚަބަރު

ރައީސް ކުރިން ހެއްދެވީ ދޮގުކަން މޯދީ ހުވާކުރި ރަސްމިއްޔާތަށް ވަޑައިގެންނެވުމުން އެނގިއްޖެ: ޝާހިދު

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު "ދެން" އަށް ދެއްވި އިންޓަވިއުގައި ވަނީ ރައީސް އަށް މަރުހަބާ ކިޔާފައި

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރާ މޯދީ ތިން ވަނަ ދައުރަކަށް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ޑރ. މުހައްމަދު މުއިއްޒު އެ ގައުމަށް ވަޑައިގެންނެވުމުން "ހަގީގަތް" ހާމަވެއްޖެ ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

ރާއްޖޭގެ ސިޔާސީ މަޝްރަހާއި ގުޅުވައި 'ދެން' އަށް ޝާހިދު ދެއްވި އިންޓަވިއުގައި އޭނާ ވަނީ އާ ސަރުކާރާއެކު ބަދަލުވި ހާރިޖީ ސިޔާސަތުތަކަށް އަލިއަޅުވާލައްވާފަ އެވެ. އެގޮތުން ކުރިން އިންޑިއާއާ އެކު އޮތް ގުޅުން އާ ސަރުކާރާއެކު ހީނަރުވެގެން ދިޔަކަން އޭނާ ފާހަގަކުރެއްވި އެވެ.

"ސަރުކާރަށް ވަޑައިގެންފަ ވެސް ކަން ކުރެއްވި ގޮތުން އަޅުގަނޑުމެންނަށް ދަތިތަކެއް ދިމާވެއްޖެ. ހަގީގަތްތަަކަކާ ކުރިމަތިލާން ޖެހިއްޖެ. ކިތަންމެ ހިތްހަމަނުޖެހުނަސް އަވަށްޓެރި ގައުމެއްގެ ވެރިންގެ މާލި ހައްދައިގެން މާލި ރަށު ތެރެއަށް ނެރެގެން ނެއްޓުވުމަކީ ހުތުރުކަމެއް." މިދިޔަ ސަރުކާރުގައި ފޮރިން މިނިސްޓަރަކަށް ހުންނެވި ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވި ގޮތުގައި ރާއްޖެއަށް ލިބިފަ އޮތް އެންމެ ބޮޑު ނަސީބަކީ ޒަމާންތަކެއް ވަންދެން އަވަށްޓެރިންނާ އެކު އޮތް ވަރުގަދަ ގުޅުން ކަމަށެވެ. އަދި މިފަހަކާ ޖެހެންދެން އެ ގުޅުން އޮތީ އެގޮތުގައި ކަން ފާހަގަކުރެއްވި އެވެ.

"ގައުމުތަކާ އެވަރަށް ދިމާކުރާކަށް ނުވާނެ، އެކަމަކު ހަގީގަތަކީ ސަރުކާރު ލިބުނީމާ އޮފީހަށް ރަސްމީ ގޮތުން ވަދެވަޑައިގެންނެވީމާ ކުރިމަތިލައްވަން ޖެހޭ ހަގީގަތްތަކާ. މިއަދު އެ ފެނުނީ އެ މަންޒަރު. އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް މަރުހަބާ ދަންނަވަން އިންޑިއާގެ ބޮޑުވަޒީރު ދެއްވި ދަައުވަތު ގަބޫލުކުރައްވާ އެ ރަސްމިއްޔާތަށް އިއްޔެ ވަޑައިގެންނެވުމުން" އޭނާ ވިދާޅުވި އެވެ.

އިއްޔެ އެ ރަސްމިއްޔާތުގައި، އެހާ ކުރުކުރު މުއްދަތެއްގައި ދެއްވި ދައުވަތެއް ގަބޫލުކުރައްވާ ވަޑައިގެންނެވިކަމުން އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށް އިވިއްޖެ. ފެނިއްޖެ. އެބޭފުޅުން ކުރިން ދެއްކެވި ވާހަކަފުޅުތައް އެއީ ހަގީގަތެއް ނޫންކަން، އެއީ ދޮގެއް ކަން. އިންޑިއާއާ ދޭތެރޭގައި، ޕްރަައިމް މިނިސްޓަރު މޯދީ އާ ދޭތެރޭގައި އެ ބޭފުޅުން ދެއްކެވީ ހަގީގަތެއްނަމަ އިއްޔެ އެތާކު ނީންނަވާނެ. އިއްޔެ އެތާ އެ އިންނެވީ ދެކެވުނު ވާހަކައާއި ކުރެވުނު ކަންތައްތަކަކީ ހަގީގަތެއް ނޫންކަމަށްވާތީ އިއްޔެ އެ ވަޑައިގެންނެވީ

މިދިޔަ ފަސް އަހަރު ދުވަހު އިދިކޮޅުގައި އޮވެގެން މިހާރުގެ ސަރުކާރުގެ އިސްވެރިން ވަނީ އިންޑިއާއާ ދެކޮޅަށް ރާއްޖޭގައި ކެމްޕޭނެއް ހިންގާފަ އެވެ. "ހަގީގަތެއް ނެތް" ވާހަކަތަކެއް ކަމަށް ޝާހިދު އެ އިޝާރާތް ކުރައްވަނީ އުތުރުތިލަފަޅުގައި އިންޑިއާ ސިފައިން ވަޒަންވެރިގެން އުޅުމާ ދެކޮޅަށް އަޑުއުފުލި "އިންޑިއާ އައުޓް"  ކެމްޕޭނަށެވެ.

އާ ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް މޯދީއަށް ކުޑައިމީސްކޮށް ސޯޝަލް މީޑިއާގައި ޕޯސްޓުތަކެއް ކުރިފަހުން އަދި ރައީސް ވެސް އިންޑިއާއަށް ބަހުގެ ހަމަލާތަކެއް އަމާޒުކުރެއްވި ފަހުން ދެ ގައުމުގެ ގުޅުން ވަނީ ހީނަރުވެފަ އެވެ. ރައީސް ވަނީ އުތުރުތިލަފަޅުގެ އިތުރުން ރާއްޖޭގައި ގައިމްވެ ތިބި އިންޑިއާ ސިފައިން ވެސް އަނބުރާ ގައުމަށް ފޮނުވާލާފަ އެވެ. މި ދަނޑިވަޅުގައި ރައީސާއި އެކު ސަރުކާރުގެ އިސް ބޭފުޅުން އެ ގައުމަށް ވަޑައިގެންނެވީ އެ ގުޅުން ރަނގަޅުކުރުމުގެ މަގްސަދުގަ އެވެ.

މީގެކުރިން ރާއްޖޭގެ ރައީސުން އެންމެ ފުރަތަމަ ރަަސްމީ ދަތުފުޅުކުރައްވަނީ އިންޑިއާ އަށެވެ. އެއާ ހިލާފަށް ރައީސް މުއިއްޒު އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅެއް ކުރެއްވީ ޗައިނާއަށެވެ.

Ads by Ooredoo
  1. ކޮޔާ

    މަޖިލިސް އިންތިޚާބް ކެމްޕެއިންގަ ދޮގު ދޮލަނގެއް ގެންގުޅުނީމަ ވީގޮތް ފެނޭތަ؟