ރައީސްގެ ވައުދުފުޅާ އެއްގޮތަށް މާފުށީގައި ޑޮލަރު އޭޓީއެމްއެއް ބަހައްޓައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ކ. މާފުށީގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ދޭން ފަށައިފިއެވެ.
މިއީ މާލެ ސިޓީ ފިޔަވައި އެހެން ރަށަކުން މި ހިދުމަތް ލިބެން ފެށި ފުރަތަމަ ފަހަރެވެ.
މާފުށީގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ދެއްވަން ފައްޓަވާނެކަން ރައީސް އިއުލާނުކުރެއްވީ މިދިޔަ އަހަރުގެ އޮގަސްޓް 19 ގައި، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކެމްޕޭނުގައި، ކ.ގުރައިދޫގައި ވާހަކަފުޅު ދައްކަވަމުންނެވެ. ފަތުރުވެރިންގެ މެދުގައި މަގުބޫލު މާފުށީގެ އިގްތިސާދު ކުރިއެރުވުމަށް މަގުފަހިކުރުމަށްޓަކައި އެންމެ ފުރަތަމަ މާލެއިން ބޭރުގައި ޑޮލަރު އޭޓީއެމް ބަހައްޓާނެ ރަށަކަށް މާފުށި ހައްދަވާނެކަމަށް އެ ދުވަހު ރައީސް ވިދާޅުވި އެވެ.
މިކަމާ ގުޅިގެން ރައީސް އޮފީހުން ބުނީ ރާއްޖޭގެ އިގްތިސާދު ހަރުދަނާކޮށް، ފައިސާގެ މުއާމަލާތްތައްކުރުމުގައި ރައްކާތެރި، އިތުބާރުހުރި، އަދި ފަސޭހަކަން ބޮޑު ޒަމާނީ އުސޫލުތައް ތައާރަފްކުރުމުގެ މަސައްކަތް މި ސަރުކާރުން ފަށާާފައިވާ ކަމަށެވެ.