ޚަބަރު

ލޯނު ލިސްޓަށް ޝަކުވާ ހުށަހަޅަން 15 ދުވަސް ދީފި

އަލީ ސަމާޙް ، ދެން އޮންލައިން
މިއަދު ބޭއްވި ޕްރެސްގައި މިނިސްޓަރު މަރިޔަމް މާރިޔާ

ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހޯދަން ސަރުކާރުން ދޫކުރާ ލޯނުގެ ތެރެއިން، މިއަދު އާއްމުކުރި ލޯނު ލިސްޓުގެ ނަތިއްޖާއާ މެދު ޝަކުވާއެއް އޮތް ނަމަ އެ ޝަކުވާ ހުށަހަޅަން 15 ދުވަހުގެ މުއްދަތެއް ހަޔާ އެޑިއުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވޮލޮޕްމެންޓް މިނިސްޓްރީން ދީފި އެވެ.

Ads by Hajj Corporation

ސްޓޫޑެންޓް ލޯނަށް ހުޅުވާލި 500 ޖާގައަށް 1700 އަށް ވުރެ ގިނަ ފޯމު ހުށަހެޅި އެވެ. އޭގެ ތެރެއިން 1100 އަށް ވުރެ ގިނަ ކުދިންގެ ޝަރުތުހަމަވާއިރު އެ ހުރިހާ ކުދިންނަށް ފުރުސަތު ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފަ އެވެ.

މިނިސްޓްރީން ބުނީ މި އަހަރުގެ ލޯނު ސްކީމް މިހާތަނަށް 1015 ދަރިވަރުން ހޮވާފައިވާ ކަމަށެވެ. އަދި އެ މީހުންނަށް އަންނަ ބުރާސްފަތި ދުވަހު ލޯނަށް ހޮވިފައިވާ ކަމުގެ "ސްޕޮންސާ ލެޓާ" ލިބޭނެ ކަމަށެވެ.

ލޯނުގެ ނަތީޖާއާމެދު ޝަކުވާ ހުށައަޅަން ބޭނުންވާނަމަ މި މަހުގެ 25 ގެ 13:00 ގެ ކުރިން [email protected] އަށް މެއިލްކުރުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.

ރާއްޖޭގައި މަތީ ތައުލީމު ހާސިލުކުރުމަށް އެންމެ ޑިމާންޑު ބޮޑީ އޭވިއޭޝަން ދާއިރާއަށެވެ. އެގޮތުން ފާއިތުވެދިޔަ އަހަރު، 500 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން ޕައިލެޓް ލައިސެންސަށް ކިޔެވުމަށް ލޯނު ދީފައިވެ އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ މަރިޔަމް މާރިޔާ ވިދާޅުވީ މިހާ ގިނަ ފުރުސަތު، އެއް ދާއިރާއަކުން ކިޔެވުމަށް ދިނުމުން ދަރިވަރުންނާއި، ބެލެނިވެރިންނާއި، ކަމާ ބެހޭ އެކިއެކި އިދާރާތަކުން ގިނަގުނަ ޝަކުވާތަކާއި ކަންބޮޑުވުންތައް މި މިނިސްޓްރީއާ ހިއްސާކޮށްފައިވާ ކަމަށެވެ. އަދި ދަރިވަރުންނަށް ޕްލޭސްމަންޓާއި ވިސާ ލިބުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވަމުންދާއިރު އެހާ ގިނަ ދަރިވަރުނަތަކެއް އެއްފަހަރާ އެއް ދާއިރާއަކުން ކިޔަވައި ނިމިގެން އައުމުން ވަޒީފައި ހޯދުމުގައި ދަތިތަކާ ކުރިމަތިލާންޖެހުމަކީ އެކަށީގެންވާ ކަމެއްކަން ވެސް ފާހަގަކުރެއްވި އެވެ.

އެހެންވެ، މި އަހަރު ޕައިލެޓް ލައިސެންސަށް ކިޔެވުމަށް ލޯނުދޭން ހުޅުވާލީ އެންމެ 10 ފުރުސަތެވެ. އެއީ ރާއްޖޭގެ ފްލައިން ސްކޫލްގައި ކިޔެވުމަށެވެ. މި ސްލޮޓަށް ޝަރުތުހަމަވާ 148 އެޕްލިކޭޝަން ލިބުނު ނަމަވެސް މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ފުރުސަތު ދިނުމަށް ނިންމީ މެރިޓް އުސޫލުން އެންމެމަތިން މާކްސް ހޯދާ 10 ދަރިވަރުންނަށެވެ. އަދި އެ ފުރުސަތައް އެދި ހުށަހަޅާފައިވާ ދަރިވަރުންގެ ތެރެއިން، ޝަރުތު ހަމަވާ އެހެން ހުރިހާ ދަރިވަރުން، މިއަހަރު އިއުލާންކޮށްފައިވާއި ދާއިރާތަކާއި ސްލޮޓްތަކުގެ ތެރެއިން އެދަރިވަރަކު ޝަރުތުހަމަވާ ސްލޮޓަކަށް ބަދަލުވުމުގެ އިހުތިޔާރު ދިނުމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!