12 އަހަރުން މަތީގެ ކުދިންނަށް އިމާމުވެ ހުކުރު ކުރެވޭގޮތަށް އުސޫލު ބަދަލުކޮށްފި
އިމާމުވެ ހުކުރު ނަމާދާއި، އީދު ނަމާދު އަދި ކޭތަނަމާދު ކުރުމުގެ ވަގުތީ ހުއްދަ ގްރޭޑް 6 އިން މަތީގެ ދަރިވަރުންނަށް ދިނުމުގެ އުސޫލު އެކުލަވާލައި އެ އުސޫލަށް އަމަލުކުރަން ފަށައިފިއެވެ.
އިސްލާމިކް މިނިސްޓްރީން އާއްމުކުރި އުސޫލުގައިވާ ގޮތުން ވަކި ހާއްސަ ހާލަތްތަކުގައި ގުރޭޑު 6 އަކަށްވުރެ މަތީ ގުރޭޑުތަކުގައި ކިޔަވާ ދަރިވަރުންނާއި، އުމުރުން 65 އަހަރުން މަތީ މީހުންނަށް ހުކުރު ނަމާދާއި ކޭތަ ނަމާދުކުރުމުގެ ވަގުތީ ހުއްދަ ދެވިދާނެއެވެ. މިގޮތުން ވަގުތީ ހުއްދަ ދޫކުރެވޭ އެންމެ ދިގު މުއްދަތަކީ 6 މަސްދުވަހެވެ.
އެގޮތުން، ރަށެއް ނުވަތަ ސިޓީއެއްގައި އިމާމުވެ ހުކުރު ނުވަތަ ކޭތަ ނަމާދުކުރާނެ ފަރާތެއް ނެތިއްޖެ ހާލަތެއްގައި ހުއްދަ ދެވެނީ ގިނަވެގެން 6 މަސްދުވަހުގެ މުއްދަތަށެވެ. އަދި އިމާމުވެ ހުކުރު ކުރުމަށް ދާއިމީ ހުއްދަ ދޫކޮށްފައިވާ ފަރާތްތައް ބަލިވެގެން ނުވަތަ އެހެންވެސް ކުއްލި ހާލަތެއް މެދުވެރި ވެއްޖެނަމަ ވަގުތީ ހުއްދަ ދޫކުރެވެނީ ގިނަވެގެން 1 މަސްދުވަހަށެވެ.
އުސޫލުގައިވާ ގޮތުން 65 އަހަރުން މަތީ މީހުންނަށް ހުއްދަ ދޫކުރެވޭނީ އެމީހަކީ ސިއްހީ ގޮތުން ޒިންމާ އަދާކުރެވޭ ވަރުގެ ގާބިލުކަން ހުރި މީހަކަށް ވާނަމައެވެ. އަދި ގުރޭޑު 6 އިން މަަތީ ގުރޭޑުތަކުގެ ދަރިވަރުންނަށް ހުއްދަ ދޭއިރު، އެ ކުދިންނަކީ ރީތިކޮށް ގުރުއާން ކިޔަވަން ދަންނަ އަދި ނަމާދުގެ ހުކުމްތައް އެނގޭ ކުދިންނަށް ވާންޖެހޭނެ ކަމަށް އެ އުސޫލުގައި ބުނެފައިވެއެވެ.
މީގެއިތުރުން، އުމުރުން 18 އަހަރު ނުފުރޭ ކުދިންގެ ތެރެއިން ގްރޭޑް 10 ނުވަތަ ގްރޭޑް 11 ނުވަތަ ގްރޭޑް 12 ގައި ކިޔަވަމުންދާ ދަރިވަރެއް ނަމަ އެ ދަރިވަރަކަށް އިމާމުވެ ހުކުރު ކުރުމާއި އީދު ނަމާދާއި، ކޭތަނަމާދު ކުރުމުގެ ދާއިމީ ހުއްދަ ދެވޭނެ ކަމަށް ވެސް އެ އުސޫލުގައި ބުނެފައިވެއެވެ.
އަދި އެ ހުއްދަ ދޭނީ މިނިސްޓްރީން ކަނޑައަޅާ ކޮމެޓީއަކުން އަނގަބަހުން ދޭ އިމްތިހާނަކުން އެންމެ މަދުވެގެން ވެސް 75 އިންސައްތަ މާކްސް ލިބިފައިވުމާއި މިނިސްޓްރީން ކަނޑައަޅާ ހަތީބުކަމުގެ ތަމްރީނު ފުރިހަމަކޮށް އެ ތަމްރީނަށް ކަނޑައަޅައިފައިވާ ދިހަ އިންސައްތަ މާކްސް ލިބުމުންނެވެ.
އެ އުސޫލުގައިވާ ގޮތުން އުމުރުން 18 އަހަރު ފުރިފައިވާ ކުދިންނަށް ހުއްދަ ދިނުމުގައި ބަލާނީ އިމާމުވެ ހުކުރު ކުރުމަށް ހުއްދަ ދިނުމަށް ބަލާ އާންމު މިންގަނޑާ އެއްގޮތަށެވެ.