ސަގާފަތާއި ތަރިކައިގެ ތަމްރީނުތައް ރާއްޖެއިން ލިބެން ޖެހޭ: މިނިސްޓަރު
ސަގާފަތާއި ތަރިކައިގެ ދާއިރާތަކުން މީހުން ތަމްރީން ކުރުމަށް ދިވެހީން ރާއްޖެއިން ބޭރަށް ފޮނުވުމުގެ ބަދަލުގައި ތަޖުރިބާކާރުން ރާއްޖެ ގެނެސްގެން ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމުގެ ފުރުސަތުތައް ރާއްޖެއަށް ބޭނުންވާ ކަމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު ވިދާޅުވެއްޖެ އެވެ.
ވަޒީރު އެހެން ވިދާޅުވީ ޔުނެސްކޯގެ ފަރާތުން ދިވެހިރާއްޖެ ހިމެނޭ ސަރަހައްދަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިރެކްޓަރ ޓިމް ކާޓިސްއާ އެކު މިއަދު އެ ވުޒާރާގައި ބޭއްވި ބައްދަލުވުމުގައި އެވެ.
ތަރިކައާ ބެހޭ ވުޒާރާއިން ބުނީ އެ ބައްދަލުވުމުގައި ރާއްޖޭގެ މައުނަވީ ތަރިކައިގެ ތެރޭގައި ހިމެނޭ ރައިވަރާއި ޅެން ހިމާޔަތްކޮށް ރައްކާތެރިކުރުމާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެވުނު ކަމަށެވެ. އަދި ދާރުލްއާސާރުގައި ހުރި އާސާރީ ތަކެތި ރައްކާތެރި ކުރުމާއި ދާރުލްއާސާރުގެ މަސައްކަތްތަކުގެ ފަންނުގައި މީހުން ތަމްރީން ކުރުމާ ބެހޭ ގޮތުން ވެސް މަޝްވަރާތަކެއް ކޮށްފައިވާ ކަމަށެވެ.
އެ ބައްދަލުވުމުގައި ޓިމް ވަނީ މައުނަވީ ތަރިކަ ރައްކާތެރިކުރުމާ ބެހޭ ގޮތުން ޔުނެސްކޯއިން 2003 ވަނަ އަހަރު އެކުލަވައިލި މުއާހަދާގައި ރާއްޖެއިން ބައިވެރިވުމާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ. އަދި ވަޒީރު ވަނީ ރާއްޖޭގެ ހިރިގަލުގެ މިސްކިތްތައް ޔުނެސްކޯގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމަށް މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކާ ބެހޭ ގޮތުން އެންމެ ފަހުގެ އަދާހަމަ ހިއްސާ ކޮށްފަ އެވެ.
އެ ބައްދަލުކުރުމުގައި ސަގާފަތާއި ތަރިކައިގެ ދާއިރާތަކުން މީހުން ތަމްރީން ކުރުމަށް ދިވެހީން ރާއްޖެއިން ބޭރަށް ފޮނުވުމުގެ ބަދަލުގައި ތަޖުރިބާކާރުން ރާއްޖެ ގެނެސްގެން ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމުގެ ފުރުސަތުތައް ރާއްޖެއަށް ބޭނުންވާ ކަމަށް ވަޒީރު ފާހަގަކުރެއްވި އެވެ. އަދި އެކަމަށް ތަރުހީބުދެއްވާ ކަމުގައި ވިދާޅުވެ، އެފަދަ ފެސިލިޓޭޓަރުން ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރާނެ ކަމަށް ޓިމް ވިދާޅުވެފައިވާ ކަމަށް އެ ވުޒާރާއިން މައުލޫމާތުދެ އެވެ.
އެ ބައްދަލުވުމަށް ފަހު ޓިމް ވަނީ ގައުމީ ދާރުސްއާސާރަށް ޒިޔާރަތްކޮށް ދާރުލްއާސާރު ބަލައިލާފަ އެވެ.
ޓިމް އަކީ ރާއްޖެ ހިމެނޭހެން ބަންގްލަދޭޝް، ބޫޓާން، އިންޑިއާ، ސްރީލަންކާ އަދި ނޭޕާލަށް ކަނޑައަޅުއްވާފައި ހުންނަވާ ޔުނެސްކޯގެ އިސް މަންދޫބެވެ.