ހައްޖު މިޝަންގެ މަންދޫބުންނަށް ސައުދީގައި ކިޔަވާ ދިވެހި ދަރިވަރުން

ސައުދީ އަރަބިއާގައި ކިޔަވާ ދިވެހި ދަރިވަރުން ފުރަތަމަ ފަހަރަށް ރާއްޖޭގެ ހައްޖު މިޝަންގެ ރަސްމީ މަންދޫބުންގެ ގޮތުގައި ހަމަޖައްސައިފިއެވެ.
އިސްލާމިކް މިނިސްޓްރީއިން ބުނީ، ހައްޖު މިޝަންގެ ރަސްމީ މަންދޫބުންގެ ގޮތުގައި ސައުދީގައި ތިބި ދިވެހި ދަރިވަރުން ހަމަޖެއްސުމާއެކު، ހައްޖުގެ ކަންކަމުގައި ރާއްޖޭގެ ހައްޖު މިޝަންއާއެކު ދިވެހި ދަރިވަރުންވެސް ހައްޖުވެރިންގެ ހިދުމަތުގައި މަސައްކަތް ކުރާނެ ކަމަށެވެ.
އަދި މިއަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ދަރިވަރުންނަށް މި ފުރުސަތު ދިނުމަށް އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ނިންމަވާފައިވާ ކަމަށް ވެސް އެ މިނިސްޓްރީއިން ބުނެފައިވެއެވެ.
މީގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓަރު ޝަހީމް ވަނީ ސައުދީގައި ކިޔަވާ ދަރިވަރުންނާއި ބައްދަލު ކުރައްވާ ދަރިވަރުންނަށް މިފަދަ ފުރުސަތުތައް ތަނަވަސްކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
މީގެއިތުރުން މަދީނާގައި ތިބި ދަރިވަރުންގެ ކަންބޮޑުވުން އަޑު އެއްސެވުމަށްފަހު، އެ ދަރިވަރުން ފާހަގަކުރެއްވި ކަންކަން ބައްލަވައި އަދި އެކަންކަން ކޮށްދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވެއެވެ.