ފަލަސްތީނު ޓެލެތޯންއިން 14 މިލިއަން ރުފިޔާ، އަދިވެސް ހަދިޔާ ކުރެވޭނެ
އިޒްރާއީލުން ފަލަސްތީނަށް ދެމުންދާ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ކުރިއަށް ގެންދިޔަ ޓެލެތޯންއިން 14.8 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
ޕީއެސްއެމްގެ ޗެނަލްތަކާއިއެކު ރާއްޖޭގެ އެހެނިހެން އަމިއްލަ ޓީވީ ސްޓޭޝަންތައްވެސް ގުޅިގެން ކުރިއަށް ގެންދިޔަ ޓެލެތޯން ގާތްގަނޑަކަށް 24 ގަޑިއިރަށް ދިގުދެމިގެން ދިޔަ އެވެ. ރޭ މެންދަމު 1:15 ގައި ޓެލެތޯން ނިންމައިލިއިރު 14.8 މިލިއަން ރުފިޔާ އެއްކުރެވިފައިވާކަމަށް ޕީއެސްއެމްއިން ބުނެ އެވެ.
ޓެލެތޯން ފަންޑަށް ޖަމާވެފައިވާ ފައިސާއާއި ގުޅޭގޮތުން، މިކަމަށް ކަނޑައަޅާފައިވާ މިނިވަން އޮޑިޓް ފާމް ކްރޯ މޯލްޑިވްސްއިން ބުނީ ފައިސާ ގުނުމުގެ ކަންކަން ލަސްވީ ގިނަ ޢަދަދެއްގެ ވަކިލާރި ލިބިފައި ހުރުމުން ކަމަށެވެ. ނަމަވެސް މިހާރު ލިބިފައިވާ ހުރިހާ ފައިސާއެއް ގުނާ ނިމިފައިވާކަމަށް އެ އޮޑިޓު ފާމުން ބުންޏެވެ.
މިހާތަނަށް 14.8 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އޮޑިޓް ފާމުން ވަނީ ކަށަވަރު ކޮށްދީފަ އެވެ. އެއީ ނަގުދު ފައިސާގެ ގޮތުގައި 723،948 ރުފިޔާ އަދި 1343 ޑޮލަރާއި 81 ޔޫރޯ އެވެ،
މީގެ އިތުރުން އޮންލައިން ބޭންކް ޓްރާންސްފާ މެދުވެރިކޮށް 6.8 މިލިއަން ދިވެހި ރުފިޔާ ޖަމާވެފައިވާއިރު، ޑޮލަރު އެކައުންޓަށް 33950 ޑޮލަރު ވަނީ ޖަމާވެފަ އެވެ.
ޕީއެސްއެމުން ކުރިއަށްގެންދިޔަ ޓެލެތޯން ކަވަރޭޖު ނިންމާލާފައިވީނަމަވެސް އަދިވެސް އޮންލައިންކޮށް ފައިސާ ޖަމާކުރުމުގެ ފުރުޞަތު ވަނީ މިއަދު އިރުއޮއްސި 06:00 އާއި ހަމައަށް އިތުރުކޮށްފަ އެވެ.
"ފަލަސްޠީޏާއެކު ދިވެހީން" ނަމުގައި ކުރިއަށްގެންދިޔަ ޓެލެތޯނަށް ވަނީ ޢާންމުންގެ ބޮޑު ތަރުހީބެއް ލިބިފައެވެ. އެގޮތުން މާލޭގެ އިތުރުން އަތޮޅުތަކުގެ ރަށްރަށުގައިވެސް ފަންޑުފޮށިތައް ބެހެއްޓި އެވެ. އެ ފަންޑު ފޮށިތަކުގެ ފައިސާ "ފަލަސްޠީނާއެކު ދިވެހީން" އެކައުންޓަށް ޖަމާކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ޕީއެސްއެމުން ބުންޏެވެ.