އެޕާޓްމެންޓަށް މީހުން ދިޔައީ ހަށި ގަންނަން
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އެޕާޓްމެންޓެއް ގައި ފޭރުމުގެ ޝިކާރައަކަށްވި މީހުންނަކީ އެ އެޕާޓްމެންޓަށް ހަށިވިއްކާތީ ދިޔަ މީހުން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ހިޔާ ފްލެޓްގެ H5-3-18 ނަންބަރު އަށް އޮޅުވާލައިގެން މީހުން ގެންދާ ކަމަށް ބުނާ މައްސަލައެެއް ފެންމަތިވެ އެ މައްސަލަ ފުލުހުން ވަނީ ބަލަން ފަށާފަ އެވެ. މީގެ ކުރިން މި ނޫހަށްވެސް މައުލޫމާތު ލިބިފައިވާ ގޮތުން ދެ އަންހެނަކު އިސްވެ އެކަން ކުރަމުން އައީ ފިރިހެނުންތަކެއް ހައްލައިގެން އޮޅުވާލުމެއްގެ ތެރެއިންނެވެ.
މިއަދު ފުލުހުންގެ އިދާރާއިން އިސްކަންދަރު ބިލްޑިން ގައި ބޭއްވި ޕްރެސްބްރީފިން ގައި ހުޅުމާލެ ފޭސް ދޭއްގެ ޕޮލިސްޓޭޝަން އިންޗާޖް ރަޖިނީ ސުވައިދު ވަނީ ވަރަށް ތަފްސީލުކޮށް އެ މައްސަލައިގެ މައުލޫމާތު މީޑިއާތަކާއި ހިއްސާކޮށްފަ އެވެ. ރަޖިނީ ވިދާޅުވީ އެ އެޕާޓްމެންޓަށް، އޮޅުވާލައިގެން މީހުން ގެންގޮސް ބަރަހާނަކޮށް ބްލެކްމެއިލްކޮށް އެ މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާއާއި މޯބައިލް ފޯނު ފަދަ ތަކެތި ފޭރޭ މައްސަލަ އެއް އެ ޕޮލިސްޓޭޝަން ހުށަހެޅި ބަލަން ފެށި ކަމަށެވެ.
ރަޖިނީ ވިދާޅުވީ އެ އެޕާޓްމެންޓަށް މީހުން ގެންގޮސް ފޭރޭ ފަސް މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެކަމަކު ރިޕޯޓްނުކުރާ އިތުރު މައްސަލަތަކެއް ހިމެނޭ ކަމަށްވެސް ރަޖިނީ ވިދާޅުވި އެވެ.
އެ އެޕާޓްމެންޓަށް މީހުން ގެންގޮސްފައިވަނީ އެތަނުގެ ތެރޭގައި ފައިސާއާއި ހަށިވިއްކާކަމުގެ އިޝްތިހާރު ކޮށްގެންކަން ފާހަގަކުރެވޭ
ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި އަންހެނުންގެ ނަމުގައި ފޭކް އައިޑީތައް ހަދައިގެން ފިރިހެނުންނާ ގުޅުން އުފައްދައި ހަށިވިއްކާ ކަމަށް ބުނެ އެ މީހުން އެޕާޓްމެންޓަށް ގެންދާކަމަށް ރަޖިނީ ވިދާޅުވި އެވެ.
މި ބާވަތުގެ ވަރަށް ގިނަ ހާދިސާތައް އެކި މީސް މީހުންނަށް މި ދެންނެވި އެޕާޓްމެންޓުގެ ތެރެއިން ދިމާވެ އެތަކެއް ފައިސާއެއް އެ މީހުންގެ އަތުން ފޭރިފައިވީ ނަމަވެސް އެ މީހުން އެޕާޓްމެންޓަށް ގޮސްފައިވަނީ ގާނޫނާ ހިލާފު ކުށްތަކަށް އަރައިގަތުމުގެ ނިޔަތުގައި ކަމަށްވުމާއެކު އެ މީހުންގެ ބަރަހަނާ ވީޑިއޯ ލީކްކޮށްލާނެކަމުގެ ބިރު އޮތުމުންނާއި.... މީގައި ހިމެނޭ މީހުންނަކީ (ފޭރޭ ގްރޫޕް) މަސްތުވާތަކެއްޗާއި މާރާމާރި އާއި ފޭރުމުގެ މައްސަލަތަކުގައި އުޅޭ ފަރާތްތަކަށްވާތީ އެ ފަރާތްތަކުގެ ކިބައިން ނުރައްކަލެއް ކުރިމަތިވާނެ ކަމުގެ ބިރަށްޓަކައިވެސް މި މައްސަލަތައް ފުލުހުންނާ ހިސާބަށް ރިޕޯޓްކޮށްފައިނުވާ ވަރަށް ގިނަ ހާދިސާތަކެއް ހުރިކަން ހިމެނޭ
އެ މައްސަލަތައް ރިޕޯޓްކުރި މީހުންވެސް ފުލުހުންގެ ތަހުގީގުގައި ބުނީ އެ މީހުން އެޕާޓްމެންޓަށް ގެންދިޔައީ ބިރު ދައްކައިގެން ގަދަކަމުން ކަމަށެވެ.
"ސީސީޓީވީ ފޫޓެޖްތައް ބެލިއިރު އެ މީހުންނަށް އެ އެޕާޓްމެންޓަށް ގޮސްފައިވަނީ އަމިއްލަ އިހުތިޔާރުގައިކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. އަޅުގަނޑުމެންގެ ތަހުގީގަށް އެކަން އެނގޭ ހިސާބުން އެ މައްސަލަ ކުރިއަށް ގެންދަން ބޭނުންނުވާކަން ވަރަށް ގިނަ ފަރާތްތަކުން ފާހަގަކޮށްފައިވޭ" އޭނާ ވިދާޅުވި އެވެ.