ދެ ރައީސުންގެ އުފަންދުވަސް، އެއް ތާރީހެއް؛ ތަހުނިޔާ ބަދަލުކުރެއްވީ ސިޓީން

ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި ޗައިނާގެ ރައީސް ޝީ ޖިންޕިން އާ ދެބޭފުޅުންގެ އުފަން ދުވަހުގެ ތަަހުނިޔާ ބަދަލުކުރައްވައިފި އެވެ.
ރައީސް މުއިއްޒު އުފަންވެވަޑައިގެންނެވީ 1978 ވަނަ އަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހު އެވެ. ޝީ ޖިންޕިން އުފަންވެވަޑައިގެންނެވީ، 1953 ވަނަ އަހަރުގެ ޖޫން 15 ގަ އެވެ. އެހެންކަމުން ދެ ބޭފުޅުންގެ އުފަންދުވަހަކީ އެއް ދުވަހެކެވެ.
ރައީސް މުއިއްޒަށް މިއަދު 46 އަހަރު ފުރިވަޑައިގަންނަވާއިރު ޗައިނާގެ ރައީސަށް ފުރިވަޑައިގަންނަވަނީ 71 އަހަރެވެ.
މިއަދު ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ވެންގް ލިޒިން އާއެކު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި އޭނާ ވަނީ ރައީސް މުއިއްޒަށް އުފަންދުވަހުގެ ތަހުނިޔާއާ އެކު ޗައިނާގެ ރައީސް ފޮނުއްވި ސިޓީފުޅު އަރުވާފަ އެވެ.

މި ސިޓީގައި ޗައިނާގެ ރައީސް ވަނީ، ޗައިނާއާއި ރާއްޖެއާ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމުކަން ފާހަގަކުރައްވާފަ އެވެ.
ޝީ ޖިންޕިންގެ ފަރާތުން ސިޓީ ހަވާލުކޮށްދެއްވުމުން ޗައިނާ ސަފީރަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ. ރައީސް މުއިއްޒު ވެސް ވަނީ ޗައިނާގެ ރައީސަށް އުފަންދުވަހުގެ މެސެޖު ލިޔުއްވުމުން ފޮނުއްވާފަ އެވެ.