އެކްސިޑެންޓެއްގައި އަނިޔާވި މީހަކު މަރުވެއްޖެ

މާލޭގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކު ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެއެވެ.
މަރުވެފައިވަނީ ލަންކާ މީހެކެވެ. މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، އިއްޔެ ހެނދުނުގެ ވަގުތެއްގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި ބިދޭސީއަކަށް ފަރުވާދެމުން ދަނިކޮށް މަރުވެފައިވާ ކަމަށެވެ.
ފުލުހުން ބުނީ ހައިވޭ މާލޭއިން ހުޅުމާލެއަށްދާ ފަޅީގައި ސައިކަލު ކަހާލައިގެން ވެއްޓި ފެންސްތަކުގައި ޖެހި ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓް އިއްޔެ 6:40 ހާއިރު ލިބުނު ކަމަށެވެ.
އެ ހާދިސާގައި އަނިޔާވި މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް މިއަދު އެ މީހާ މަރުވެފައިވާ ކަމަށް އޭޑީކޭއާ ހަވާލާދީ ފުލުހުން ބުންޏެވެ.