ޚަބަރު

ރިސޯޓަކުން ފިލައިގެން ފުވައްމުލަކަށް ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށަށް މީހުން އެރުން މަނާކޮށްފައި ވަނިކޮށް، ރިސޯޓަކުން ފިލައިގެން ފުވައްމުލަކު ސިޓީއަށް ދިޔަ ދެ ދިވެހިން ހައްޔަރުކޮށްފިއެވެ.

Ads by Sosun Fihaara

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާލެ އަތޮޅުގެ ރިސޯޓެއްގައި މަސައްކަތް ކުރާ ދެ މީހަކު މި މަހުގެ 19 ވީ ބުރާސްފަތި ދުވަހު އަމިއްލައަށް ދަތުރު ހަމަޖައްސައިގެން ރިސޯޓުން ފިލައިގެން މާލެ ދިޔަ ކަމަށެވެ.

އަދި މާލެ ގޮސް ޖެހިގެން އައި 20 ވަނަ ދުވަހުގެ ރޭގެ ފްލައިޓުން އެ ދެމީހުން ފުވައްމުލަކު ސިޓީއަށް ގޮސްފައިވާ ކަމަށެވެ.

އަދި އެ ދެމީހުން ފުވައްމުލަކު ސިޓީއަށް ދިއުމުން ހުއްޓުވައި، އެ ރޭ 23:25 ހާއިރު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. ހައްޔަރުކޮށްފައި ވަނީ 29 އަހަރުގެ މީހަކާއި 30 އަހަރުގެ މީހެކެވެ.

އާންމު ސިއްހީ ކުއްލި ނުރައްކަލު ހާލަތު އިއުލާނު ކޮށްފައިވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ 18:00 އިން ފެށިގެން 14 ދުވަހުގެ މުއްދަތަކަށް ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށަށް ދިއުމާއި ރަށްރަށުން ރިސޯޓުތަކަށް މީހުން ދިއުން ވަނީ މަނާކޮށްފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!