މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ހޯދަން އެމްޑީޕީން ކުއްލި މައްސަލައެއް ހުށަހަޅަނީ

މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ހޯދުމަށް މާދަމާގެ ރައްޔިތުންގެ މަޖިލީހުންގެ ޖަލްސާއަަށް ކުއްލި މައްސަލައެއް ހުށަހެޅުމާ މެދު އިދިކޮޅު އެމްޑީޕީގެ ޕީޖީން މަޝްވަރާކުރަމުންދާ ކަމަށް އެ ޕާޓީގެ ޕީޖީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިމް ވިދާޅުވެއްޖެ މިއަދު އެވެ.
ކިރާ މަހަށް ފައިސާ ނުލިބޭތީއާއި ލޭނު މަސްވެރިކަމާ ދެކޮޅު ހެދުމުގެ ގޮތުން މަސްވެރިން އިހުތިޖާޖުކުރަމުންދާތާ މިހާރު ދުވަސްކޮޅެއް ވެއްޖެ އެވެ. މިފްކޯއަށް މަސްވެރިން ކިރާ މިހަށް ފައިސާ ނުދައްކާތާ ދޮޅު މަހެއްހާ ދުވަސް ވަނީ ވެފަ އެވެ. އެގޮތުން، އައްޑޫ ހުޅުމީދޫގައި ހުންނަ މިފްކޯ ފެކްޓަރީގައި މަސްވެރިން މުޒާހަރާ ކުރަމުންދާތާ ވެސް މިހާރު ދެ ދުވަސް ވެއްޖެ އެވެ.
"އެކަމުގައި އަޅުގަނޑުމެން މަޝްވަރާ ކުރަމުން މިދަނީ. ގަރާރުތޯ ނޫނީ ކުއްލި މައްސަލައެއްތޯ. ކުއްލި މައްސަލައެއް މިއީ. މިހާރުވެސް ހިނގަމުންދާ މައްސަލައެއް ވީމަ މީގަ ވަރަށް ބޮޑަށް ވެސް ކުއްލި މައްސަލައެއް ކަމަށް ބުރަވެވިދާނެ." މިހާރު މަޝްވަރާކުރެވެމުންދަނީ އެ މައްސަލަ މަޖިލީހަށް ހުށަހަޅާނެ ގޮތަކާ މެދުކަން ފާހަގަކުރައްވަމުން މިއަދު މަޖިލީހުގައި ބޭއްވި ޕްރެސްގައި ނާޒިލް ވިދާޅުވި އެވެ.
ނާޒިލް ވިދާޅުވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މަޖިލީހަށް ހާޒިރުކުރުމާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރަމުންދާ ކަމަށެވެ. އަދި މާދަމާގެ ޖަލްސާ ފެށޭއިރު އެކަމާ މެދު ގޮތެއް ނިންމޭނެ ކަމަށް ވިދާޅުވި އެވެ.
"މާދަމާ މަޖިލިސް ފެށެން ވާއިރަށް އަޅުގަނޑުމެން ޕީޖީ ގްރޫޕުން ކުރިއަށް ގެންދާނެ ކަންތަކާ ގުޅިގެން އަޅުގަނޑުމެން މިދަނީ މަޝްވަރާކުރަމުން. އެއީ އަޅުގަނޑުމެންނަށް މަޝްވަރާގެ އަލީގައި އަޅުގަނޑުމެންނަށް އެންމެ ފަސޭހައިން މިކަމުގައި ކުރިއަށްދެވެން އޮތް ގޮތަކަށް މާދަމާ ކުރިއަށް ގެންދާނެ." ނާޒިލް ވިދާޅުވި އެވެ.