ޚަބަރު

ޗައިނާގެ ޗޮންޗިން އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފަށައިފި

އަލީ ސަމާޙް ، ދެން އޮންލައިން

ޗައިނާގެ ޗޮންޗިން އެއާލައިންސް އިން ރާއްޖެއަށް ދަތުރުތައް ފަށައިފި އެވެ.

Ads by Hajj Corporation

ޗައިނާގެ ޗޮންޗިން ސިޓީއިން ސްރީލަންކާގައި ޓްރާންސިޓް ކުރުމަށްފަހު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ޖެއްސި ފުރަތަމަ ފްލައިޓަށް މަރުހަބާކިޔުމަށްވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ.

82 ފަސިންޖަރުންނާއެކު ޗޮންޗިން އެއާލައިންސްގެ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްށް ޖައްސާފައިވަނީ އިއްޔެ ހަވީރު 0540 ގައެވެ.

އެއާލައިނަށް މަރުހަބާ ކިޔުމަށް ވީއައިއޭގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް، ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ވާންގް ލީޝިން، އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ އިބްރާހިމް ޝަރީފް މުހައްމަދު، ޗޮންޗިން އެއާލައިންގެ ވައިސް ޕްރެސިޑެންޓް ޝިޔެ ޖިންގްޕިން، އެމްއެމްޕީއާރްސީ އަދި މަޓާޓޯގެ އިސްވެރިންގެ އިތުރުން އެމްއޭސީއެލްގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވީ، އެމްއޭސީއެލްއިން އަބަދުވެސް މަސައްކަތްކުރަނީ ފަތުރުވެރިކަމުގެ ސިނާއަތާއި ދުނިޔެއާއި ގުޅުވާލަދޭ ފާލަމެއްގެ ގޮތުގައި ކަމަށާއި، ފަތުރުވެރިކަމުގެ ސިނާއަތާއި ގުޅިގެން ރާއްޖެއަށް ގިނަ އެއާލައިންތައް ގެނައުމަށް އަބަދުވެސް މަސައްކަތްކުރައްވާނެ ކަމަށެވެ.

ޗައިނާއާއި ރާއްޖެއާއި ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުމަށް އިޝާރަތްކުރައްވާ ޝަރީފް ވިދާޅުވީ، ޗައިނާގެ މުހިންމު ސިޓީތަކުން ރާއްޖެއަށް ދަތުރުކުރަން ފެށުމަކީ އިގްތިސާދީ އެކި ދާއިރާތަކުން ރާއްޖެއަށް ކުރިއެރުން އަންނާނެ ކަމެއް ކަމަށެވެ. ރާއްޖެއަށް ޒިޔާރަތްކުރާ ޗައިނާ ފަތުރުވެރިންގެ އަދަދު އިތުރުވެގެން ދާކަން ފާހަގަކޮށް ފަތުރުވެރިކަމުގެ ސިނާއަތުގެ އެކި ފަރާތްތަކުން ގުޅިގެން ކުރާ މަސައްކަތްތަކަށް ސީއީއޯ ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

މިރަސްމިއްޔާތުގައި އެއާލައިންގެ ވައިސް ޕްރެޒިޑެންޓް، ޝިޔެ ޖިންގްޕިން ވަނީ މި ދެ މަންޒިލް ގުޅުވާލުމުން އުފެދިގެންދާނެ އިގްތިސާދީ ފުރުސަތުތައް ފާހަގަކުރައްވާފަ އެވެ. އެގޮތުން ޗޮންޗިން ސިޓީއަކީ ޗައިނާގެ އިގްތިސާދީ އެކިދާއިރާތަކުން ފާހަގަކޮށްލެވޭ ސިޓީއެއްކަމަށާއި ރާއްޖޭގެ ވިޔަފާރިވެރިންނަށް މި އުފެދުނު އައު ގުޅުމުގެ ސަބަބުން ހެޔޮ އަސަރުތަކެއް ކުރާނެކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވި އެވެ.

ޗޮންޗިން އެއާލައިނުން ރާއްޖެއަށް ހަފުތާއަކު ތިން ދަތުރުކުރާނެ އެވެ. މި ދަތުރުތަކުގައި ބޭނުންކުރާނީ އެއާބަސް އޭ320 މަރުކާގެ 165 ސީޓުގެ ފްލައިޓެވެ. ޗައިނާގެ ތިން އެއާލައިނަކުން މިހާރު ވެސް ރާއްޖެއަށް ދަތުރުތައް ކުރެ އެވެ. އެއީ ބެއިޖިން ކެޕިޓަލް، ސިޗުއާން އެއާލައިންސް އަދި ޗައިނާ އީސްޓަން އެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!