ރާއްޖެ އިން މިހާރު ވަނީ ޝަރަފުވެރި، ހައްގު މަގާމު ހޯދާފައި: ޝާހިދު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް މިވީ އެއް އަހަރުގެ ތެރޭގައި، ރާއްޖެ މިހާރު ވަނީ ދިވެހިންގެ ޝަރަފުވެރި ހައްގު މަގާމު އަނެއްކާ ވެސް ހޯދާފައި ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
އާ އަހަރުގެ ތަހުނިޔާގެ މެސެޖުގައި ޝާހިދު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ އަހަރުގައި ހާރިޖީ ސިޔާސަތު ހިންގުމުގައި ކާމިޔާބީތަކެއް ހާސިލް ކޮށްފައިވާ ކަމަށެވެ
އެގޮތުން ދުނިޔޭގެ ސިޔާސީ މަސްރަހުގައި ބޮނދާ، ގަލެއްގެ ދަށުގައި ފިލަން އޮތް އޮތުން ދޫކޮށް، ރާއްޖެ އިން އަލުން އަނބުރާ އަނެއްކާވެސް ދިވެހިންގެ ޝަރަފުވެރި ހައްގު މަގާމު ހޯދާފައި ކަމަށް ޝާހިދު ވިދާޅުވިއެވެ.
އަދި ޒަމާންވީ ރަހުމަތްތެރިންނާ ގުޅުން ބަދަހިކޮށް އިތުރު ގައުމުތަކާއި ގުޅުން ގާއިމުކޮށް ދުނިޔޭގެ އިހުތިރާމާއި ގަދަރު ލިބޭފަދަ ފަހުރުވެރި ގައުމަކަށް ރާއްޖެ ވެފައިވާ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. އެގޮތުން އަމާޒަކީ ރާއްޖޭގެ މިނިވަންކަމާއި ސަރަހައްދުގެ ރައްކާތެރިކަން ހިމާޔަތް ކުރުމަށް ޑިޕްލޮމެސީގެ އައްޑަނަ ހުޝިޔާރު ކަމާއެކު ވަރުގަދަ ކުރުން ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
"މި ޖަޒީރާ ރާއްޖެ އަކީ ދުނިޔޭގެ ހުރިހާ، ކުދި ޖަޒީރާ ގައުމެއްގެ އުއްމީދުތަކާއި ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމަށް ވަކާލާތު ކުރާ އެންމެ އިސް ގައުމު ކަމަށް ހެދުން. ބައިނަލްއަގުވާމީ މަސްރަހުގައި ރާއްޖެ އާއި ދިވެހި ރައްޔިތުންނަށް އާ ފުރުސަތުތައް ފަހިކޮށް، އެ ފުރުސަތުތަކުގެ ބޭނުން އެންމެ ފައިދާ ކުރަނިވި ގޮތެއްގައި ހިފުމަށް ދޮރުތައް ހުޅުވައިދިނުން" ޝާހިދު ވިދާޅުވިއެވެ.
މިއަހަރެކޭ އެއްފަދައިން އަންނަ އަހަރު ވެސް ރާއްޖެ އިން ބޭރުގައި އުޅޭ ފަރާތްތަކަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި އަދި ދިވެހި ހާރިޖިއްޔާ އަކީ ހުރިހާ ރައްޔިތުން ވެސް ފަހުރުވެރިވާ ފަދަ ހުނަރުވެރި، ގާބިލު އަދި ޕްރޮފެޝަނަލް ސާރވިސް އަކަށް ހެދުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން އަންނަ އަހަރަކީ ރާއްޖެ އަށް މިނިވަން ލިބި، އަމިއްލަ މިނިވަން ހާރިޖީ ސިޔާސަތެއް ހިންގަން ފެށިތާ 55 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ އާ އަހަރަށް މަރުހަބާ ކިޔަނީ މުޅިން އާ ހަރުފަތްތަކެއް ގިރާ ކުރުމަށް ކަމަރު ބަނދެގެން ކަމަށެވެ.