ޚަބަރު ސަރުކާރު

ސިހުރު މައްސަލައާއި ގުޅިގެން މިނިސްޓަރު ރަމީޒުވެސް ސަސްޕެންޑު ކޮށްފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒު

ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝިމްނާޒް އަލީ ސަލީމް ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ސިހުރު ހެދިކަމުގެ މައްސަލައެއް ފެންމަތިވެފައިވާއިރު އެ މައްސަލައާއި ގުޅިގެން ޝަމްނާޒުގެ ކުރީގެ ފިރިކަލުން، އާދަމް ރަމީޒު ރައީސް އޮފީހުގެ މިނިސްޓަރުކަމުން ސަސްޕެންޑު ކޮށްފި އެވެ.

Ads by Sosun Fihaara

ރައީސް އޮފީހުގެ ސްޕޯކްސްޕާސަން ހީލާ ވަލީދު ވަނީ ރަމީޒު ސަސްޕެންޑު ކުރިކަން "ދެން އޮންލައިން" އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.

ވަކި މައްސަލައެއްގެ ތަފްސީލު ހިއްސާނުކޮށް ހީނާ ވިދާޅުވީ ބަލަމުންދާ މައްސަލައަކާއި ގުޅިގެން ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒު އާއި ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް ސަސްޕެންޑުކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި ޝަމްނާޒުގެ މައްޗަށް ކުރެވެނީ ރައީސް ޑރ. މުއިއްޒުއާއި ގާތް ވާން ސިހުރު ހެދިކަމުގެ ތުހުމަތެވެ. މިމައްސަލައާއި ގުޅިގެން ޝަމްނާޒު ދިރިއުޅޭ އެޕާޓްމެންޓު ބަލާ ފާސްކުރިއިރު ސިހުރު ހެދުމަށް ބޭނުންކުރާ ބައެއް ސާމާނު ފުލުހުންނަށް ފެނިފައިވާކަމަށްވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.

ޝަމްނާޒު ހައްޔަރުކޮށް ކޯޓަށް ހާޒިރުކޮށްފައިވާއިރު އޭނާ 7 ދުވަހަށް ބަންދު ކުރަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. ކޯޓުގައި ޝަމްނާޒު ސިހުރު ހެދިކަމަށް އެއްބަސްވި ނަމަވެސް ރައީސަށް ސިހުރު ހަދާފައި ނުވާނެ ކަމަށް އޭނާ ބުނިކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

ޝަމްނާޒަކީ އާދަމް ރަމީޒުގެ ދެ އަނބިކަނބަލުންގެ ތެރެއިން އެކަކެވެ. އެހެންނަމަވެސް މިހިނގާ ޖޫން މަހުގެ ތެރޭގައި އޭނާ ވަރިކޮށްފައިިވާކަމަށް މައުލޫމާތު ލިބެ އެވެ.

ރައީސް މުއިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވި އިރުއްސުރެއް އެންމެ އަރިހުގައި ހުންނެވި ރަމީޒު ސަރުކާރުގެ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވާތަން ނުފެންނަތާ ދުވަސްތަކެއް ވެއްޖެ އެވެ. މީގެ ކުރިން މިކަމާއި ގުޅިގެން ސުވާލު ކުރުމުން ސަރުކަރުން ބުނެފައިވަނީ ރަމީޒުއަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!