ރާއްޖެއާއި ޗައިނާއާއި ދެމެދު ކުރާ ވިޔަފާރީގެ މުއާމަލާތްތަކުގައި ދެގައުމުގެ އަމިއްލަ ފައިސާ ބޭނުންކުރުމާއި ގުޅޭގޮތުން ޕީޕަލްސް ބޭންކް އޮފް ޗައިނާއާއިއެކު ދިވެހި ސަރުކާރުން މިއަދު މަޝްވަރާކޮށްފި އެވެ.
އިޤްތިޞާދީ ވަޒީރު މުހައްމަދު ސައީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ފަހުން ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ވިޔަފާރިއާއި އިންވެސްޓްމެންޓުގެ ރޮނގުން ދެގައުމުގެ ގުޅުން ވަރުގަދަކުރުމަށް މަޝްވަރާ ކުރެއްވި ކަމަށެވެ.
ރައީސް މުއިއްޒުގެ ސަރުކާރުން އިންޑިއާ އާއިއެކު ކުރި މަޝްވަރާތަކުން ރާއްޖެއާއި އެގައުމާއި ދެމެދު ކުރާ ވިޔަފާރީގެ މުއާމަލާތްތައް ދިވެހި ރުފިޔާއިން ކުރެވޭގޮތަށް އިންތިޒާމުތައް ހަމަޖައްސައިފަ އެވެ. މިކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ މީގެ ސަބަބުން ޑޮލަރުގެ އަގު ކުޑަ ކުރެވޭނެ ކަމަށެވެ.
ޗައިނާއާއި ރާއްޖެއާ ދެމެދު ކުރާ ފައިސާގެ މުއާމަލާތްތަކުގައި ދިވެހި ރުފިޔާ ބޭނުން ކުރެވޭނެ ގޮތް ހެދުމަށް ކުރާ މަސައްކަތްތަކުގައި ޗައިނާއިން ފެހި ސިގްނަލް ލިބިފައިވާކަމަށް މީގެ ކުރިން ސައީދު ވަނީ ވިދާޅުވެފަ އެވެ.
އިއްޔެ ވަޒީރު ވަނީ ޗައިނާ އިންޑަސްޓްރިއަލް އެންޑް ކޮމާޝަލް ބޭންކް (އައިސީބީސީ) ގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވައިފަ އެވެ.
ވަޒީރު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި ޗައިނާ ފަދަ ތަރައްގީވެފައިވާ ބޮޑެތި ގައުމުތަކުގެ އިގްތިސާދު ފުޅާވުމުން ރާއްޖެ ފަދަ ގައުމުތަކަށް އޭގެ ފައިދާ ކުރެ އެވެ. އަދި އިގްތިސާދު ކުރިއަރުވައި ތަރައްގީ ކޮށްދިނުމުގައި ޗައިނާއިން އެއްވެސް ގައުމެއްގެ ސައިޒަށް ނުބަލާ ކަމަށް ސައީދު ވިދާޅުވި އެވެ.