ކުޅިވަރު ފުޓްބޯޅަ

ތަށި ދިފާއުކުރަން ނިކުތް އިޓަލީ ރޮއްވާލުމަށްފަހު ސްވިޒަލެންޑު ކުއާޓާއަށް

ސްޕޯޓްސް ޓީމް ، ދެން އޮންލައިން

ޔޫރޯގެ ތަށި ދިފާއުކުރަން ނިކުތް އެ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ ރޮއްވާލުމަށްފަހު ސްވިޒަލުންޑުން ކުއާޓާފައިނަލަށް ދަތުރުކޮށްފިއެވެ.

Ads by MWSC

ޔޫރޯ 2024 ގެ ނޮކްއައުޓް ބުރުގައި މިރޭ ސްވިޒަލެންޑުން އިޓަލީގެ މައްޗަށް ކުރި ހޯދީ 2-0 ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗުގަައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ އިޓަލީއިންނެވެ. ނަމަވެސް ސްވިޒަލެންޑުން ވަނީ ލިބޭ މަދު ފުރުސަތުގައި ގިނަ ހަމަލާތަކެއް އުފައްދާފައެވެ.

އެގޮތުން މެޗުގެ 37 ވަނަ މިނެޓުގައި ސްވިޓްޒަލެންޑުން ވަނީ ގޯލުޖަހައި މެޗުގެ ލީޑުނަގައިފައެވެ. އެ ގޯލަކީ ރުބެން ވާގަސް ނެގި ހުރަހަކުން ރެމޯ ފްރެއުލާ ޖެހިގޯލެކެވެ.

އޭގެ ފަސް މިނެޓު ފަހުން ވެސް ސްވިޒަލެންޑުން ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފައެވެ. އެ ޓީމަށް އިޓަލީގެ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުން ފެބިއަން ފޮނުވާލި ނަމަވެސް އެ ބޯޅަ އިޓަލީގެ ކީޕަރު ޖިއަންލުއިޖީ ޑޮނަރުންމާ އަތުގަަައި ޖެހިފަައި ޖެހުނީ އަރިމަތީ ދަނޑީގައެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި ސްވިޒަލެންޑުން ވަނީ އިތުރު ގޯލެއްޖަހައި އިޓަލީ ހާސްކޮށްލަައިފައެވެ. އެ ގޯލަކީ އޭރިއާ ތެރޭގައި ހުރެ ވާގަސް ފޮނުވާލި ހަމަލާ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެން ޖެހި ގޯލެކެވެ.

އެ މެޗުން މޮޅުވެ މިފަހޜު ޔޫރޯގެ ކުއާޓާ ފަައިނަލުން ޖާގަ ހޯދި ސްވިޒަލެންޑަކީ މިދިޔަ ޔޫރޯގެ ވެސް ކުއާޓާއަަށް ދަތުރުކުރި ޓީމެކެވެ. އެ ޓީމު މިދިޔަ އަހަރުގެ މުބާރާތުން ކެޓީ ކުއާޓާއިންނެވެ.

މިފަހަރު ކުއާޓާގައި އެ ޓީމު ޖެހޭނީ ނޮކްއައުޓް ބުރުގައި އިންގްލެންޑާއި ސްލޮވާކިއާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ ބައްދަލުކުރާށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!