ވޯކްވިސާގެ ބޭރުން، އަމިއްލަ ވިޔަފާރިކުރާ ބިދޭސީން ހޯދައި ޑީޕޯޓްކުރަން ފަށައިފި
ރާއްޖޭގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ޑީޕޯޓްކޮށްލާނެ ކަމަށް ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާން ވަހީދު ވިދާޅުވެއްޖެ އެވެ.
ޝައްމާން، ރޭ 'އެކްސް' ގައި ރަސްމީ އެކައުންޓުން ކުރި ޕޯސްޓެއްގައި ވިދާޅުވީ ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ފަށާފައިވާ އޮޕަރޭޝަންގައި އިއްޔެ ފުލުހުންނާ ގުޅިގެން ޖޮއިންޓް އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.
ޝައްމާން ވިދާޅުވީ އެ އޮޕަރޭޝަންގައި ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ. އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީންގެ ތެރޭގައި ލިޔެކިޔުން ނެތް މީހުން ގިނަ ކަމަށް ޝައްމާން ވިދާޅުވި އެވެ.
"މި ފަރާތްތަކުގެ ތެރޭގައި ސައްހަ ހުއްދައެއް ނެތި އަދި ހުއްދަ ދޫކުރެވިފައިވާ މަސައްކަތުގެ ބޭރުން އަމިއްލައަށް ވިޔަފާރި ކުރާ ފަރާތްތަކެއް ވަނީ ދެނެގަނެވިފަ" އޭނާ ވިދާޅުވީ އުސޫލުގެ ތެރެއިން އެ ފަރާތްތައް ރާއްޖެއިން ޑީޕޯޓްކޮށް ފޮނުވާލެވޭނެ ކަމަށެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރެއްވުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވައުދުފުޅަކަށްވާއިރު އެ މަސައްކަތުގައި އިމިގްރޭޝަންގެ ފުރިހަމަ ޒިންމާ އަދާކުރަމުން ދާނެކަމުގެ ޔަގީންކަން ޝައްމާނު ވަނީ ދީފަ އެވެ.
ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބީދޭސީން ހޯދަން ތަންތަން ބަލައިފާސްކުރަން ފުލުހުން ހިންގާ އޮޕަރޭޝަނުގެ ތެރެއިން އިއްޔެ އެކަނި ވެސް އެފަދަ 50 ބިދޭސީން ހޯދައި، އިމިގްރޭޝަނާ ހަވާލުކޮށްފައިވެ އެވެ.
ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފޮޓޯއާއި އިނގިލީގެ ނިޝާން ނެގުމުގެ މަސައްކަތެއް ވެސް ސަރުކާރުން ވަނީ ފަށައިފަ އެވެ.
މި އަހަރު ތެރޭގައި، ހުރިހާ ބިދޭސީންގެ ފިންގާ ޕްރިންޓް ނެގި އެއް ޑެޓާބޭސްއެއް ގާއިމްކުރެވިގެންދާނެ ކަމަށް މިނިސްޓަރު އަލީ އިހުސާން ވެސް ވިދާޅުވެފައިވެ އެވެ.