ޚަބަރު

ކޮވިޑް-19: ވަޒީފާއިން ވަކިކޮށްފިނަމަ ޖޮބް ސެންޓަރަށް ރިޕޯޓުކުރަން އަންގައިފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19ގެ ސަބަބުން ވަޒީފާގެ ހާލަތަށް ބަދަލެއް އައިސްފައިވާނަމަ ލަސްނުކޮށް އެކަން ޖޮބް ސެންޓަރުގައި ރިޕޯޓު ކުރުމަށް އިކޮނޮމިކް މިނިސްޓްރީން އަންގައިފިއެވެ.

Ads by MWSC

އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކޮވިޑް-19 ގެ ސަބަބުން ވަޒީފާއިން ވަކި ކުރެވިފައި ވާނަމަ، ނުވަތަ މުސާރައާއި އެލަވަންސް ތަކަށް އެއްވެސް ބަދަލެއް ގެނެވިފައި ވާނަމަ، ނުވަތަ ވަޒީފާގެ ހާލަތަށް އެފަދަ އެހެން ބަދަލެއް އައިސްފައި ވާނަމަ، އެ މިނިސްޓްރީ އިން ގާއިމު ކޮށްފައިވާ ޖޮބް ސެންޓަރ (/https://jobcenter.mv) ގައި ރިޕޯޓްކޮށް މިނިސްޓްރީއާ މައުލޫމާތު ހިއްސާކުރެވޭނެ އިންތިޒާމު މިހާރު ހަމަޖެހި ފައިވާނެ ކަމަށެވެ.

އަދި އެ މައުލޫމާތާއެކު ވަޒީފާގެ ހާލަތަށް ބަދަލު އައިސްފައިވާ ކަން އަންގާފައިވާ ލިޔުން ނުވަތަ އެފަދަ އެހެނިހެން ލިޔުމެއް ހުށަހެޅުމަށް ވެސް އެ މިނިސްޓްރީން ވަނީ އަންގާފައެވެ.

މިނިސްޓްރީން ބުނީ ކޮވިޑް-19 އާއި ގުޅިގެން ވިޔަފާރިތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކަށް ދަތިތަކެއް ކުރިމަތިވަމުންދާތީ، ރާއްޖޭގެ ފަތުރުވެރި ކަމާއި އެހެނިހެން އިގްތިސާދީ މަސައްކަތް ތަކަށް ހީނަރުކަމެއް އައިސްފައި ވާއިރު، ވަޒީފާތައް ދެމެހެއްޓުމުގެ މަގްސަދުގައި ވިޔަފާރިތަކަށް ކޭޝް ފްލޯ ފައިނޭންސިންގ ސްކީމްތައް ފަހިކޮށް ދިނުމާއި އެހެނިހެން ފިޔަވަޅުތައް ސަރުކާރުން އިސްނަގައި ގެން އަޅަމުންދާ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތައް ހީނަރުވަމުން ދާތީ އެކަމުން ވިޔަފާރިތައް ސަލާމަތް ކުރުމުގެ ގޮތުން ސަރުކާރުން ވަނީ 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ރިކަވަރީ ޕެކޭޖެއް ތައާރަފު ކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!