ކައުންސިލްތަކުން ރާއްޖެއިން ބޭރަށް އަގުބޮޑު ދަތުރުތައް ކުރާތީ ކަންބޮޑުވެއްޖެ
ބައެއް އަތޮޅު ކައުންސިލްތަކުން ދުބާއީ އާއި ތުރުކީ އާއި ބެންކޮކް ފަދަ ގައުމުތަކަށް އަގުބޮޑު ދަތުރުތައް ކުރާތީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅާފައިވާ ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލަށް ބަހުސް ކުރައްވަމުން، ނާޒިމް ވިދާޅުވީ ބޮލޮކް ގްރާންޓުގެ ގޮތުގައި މި އަހަރު ކައުންސިލްތަކަށް 2.2 ބިލިއަން ރުފިޔާ ދޭއިރު އެ ކައުންސިލްތަކުން ފައިސާ ބޭނުން ކުރަމުން އަންނަނީ މާލީ ޒިންމާދާރުވެރި ކަމެއް ނެތި ކަމަށެވެ. ނާޒިމް ކަންބޮޑުވުން ފާޅުކުރެއްވީ ދައުލަތުގެ މާލީ ހާލަތު ވަރަށް ބޮޑަށް ދަށްވެފައިވާ އިރުވެސް އަތޮޅު ކައުންސިލްތަކުން ތުރުކީ އާއި ދުބާއީ އާއި ބެންކޮކަށް ދަތުރުތައް ކުރަމުން ދާތީ އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަންނަ މިނިވަން ދުވަހުގެ ބަންދަށް، ހއ. އަތޮޅު ކައުންސިލުން ބެންކޮކް ދަތުރެއް ވަނީ ރާވައިފަ އެވެ. އަދި މި އަހަރު ތެރޭގައި ގދ އަތޮޅު ކައުންސިލަރުން 12 ދުވަހަށް ތުރުކީ އަށް ތިން ދުވަހަށް ދުބާއީ އަށް ދަތުރު ކުރުމަށް 837،078ރ. ހަރަދު ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
"މިއީކީ ނޫން އަޅުގަނޑުމެން ކުރަން މި އުޅޭ ކަމަކީ އަޅުގަނޑުމެން އެންމެން އެބަޖެހޭ ޒިންމާދާރު ވާން"
ނާޒިމް ވިދާޅުވި ގޮތުގައި މި ދަތުރުތަކަށް ޑޮލަރު ހޯދީ ކަޅު ބާޒާރުން 17.65 ރުފިޔާގެ ރޭޓުގަ އެވެ.
ލޯކަލް ކައުންސިލް މިނިސްޓްރީންވެސް މީގެ ކުރިން ވަނީ މި ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން ރާއްޖޭގައި ތިބެގެން ހެދެން ހުރި ބައެއް ތަމްރީނުތައް ހެދުމުގެ ނަމުގައި ރާއްޖެއިން ބޭރަށް ދަތުރުކޮށް ބޭކާރު ހަރަދު ކުރާކަން އެ މިނިސްޓްރީއަށް ފާހަގަކުރެވިފައިވާކަން މީގެ ކުރިން ވަނީ ހާމަކޮށްފަ އެވެ.