ޚަބަރު ސަރުކާރު

ސަމޯއާ އެގްރީމެންޓުގައި ބައިވެރިވާނީ ގާނޫނުއަސާސީއާ ހިލާފުނުވާ ގޮތަށް: ސަރުކާރު

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން

އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް)ގެ "ސަމޯއާ އެގްރީމަންޓް" ގައި ދިވެެހިރާއްޖެއިން ބައިވެރިވާނީ ގާނޫނު އަސާސީއާއި ހިލާފުނުވާ ގޮތަށް ކަމަށް ސަރުކާރުން ބުނެފި އެވެ.

Ads by STELCO

އެ އެއްބަސްވުމުގައި ރާއްޖެއިން ބައިވެރިވާން މަޖިލީހުން ރުހުން ދިނީ އިއްޔެ ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 84 މެންބަރުންގެ އިއްތިފާގުންނެވެ. މި މައްސަލަ ދިރާސާކުރީ ހާރިޖީ ގުޅުންތަކުގެ ކޮމިޓީންނެވެ.

ކޮމިޓީ ރިޕޯޓުގައި ރައީސް އޮފީހާއި ފޮރިން މިނިސްޓްރީގެ އިތުރުން އެޓާނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ކޮމިޓީއަަށް ހުށަހަޅާފައިވާ ލިޔުންތައް ހިމަނާފައިވެ އެވެ. އެގޮތުން ފޮރިން މިނިސްޓްރީން މަޖިލީހަށް ފޮނުވި މައުލޫމާތު ކަރުދާހުގައި މި އެއްބަސްވުމުގެ ސަބަބުން ގާނޫނީ ގޮތުން ކުރާނެ އަސަރުތައް އެޓާނީ ޖެނެރަލްގެ އޮފީހާ ހަވާލާދީ ހިމަނާފައިވެ އެވެ.

ދިވެހި ރާއްޖެއިން ޑެކްލަރޭޝަން ހުށަހަޅަން ނިންމާފައިވާ އެއް މާއްދާއަކީ އެ އެއްބަސްވުމުގެ 9 ވަނަ މާއްދާ އެވެ. އެއީ، "ފްރީޑަމް އޮފް ތޯޓް، ރިލިޖަން އެންޑް ބިލީފް" ހިމެނޭ ގޮތަށް ހުރިހާ އަސާސީ ހައްގެއް ހިމާޔަތްކުރުމަށާއި އެ ހައްގުތައް ފުރިހަމައަށް އަދި ހަމަހަމަ ގޮތެއްގައި ލިބިގެންދާނެ ކަން ކަށަވަރުކުރުމަށް، ހައްގުތައް ލިއްބައިދިނުމުގައި ރިލިޖަން އަދި ބިލީފް ގެ މައްޗަށް ބިނާކޮށް ތަފާތުނުކުރުމަށް އެ މާއްދާގައި ބުނެފައިވާތީ އެވެ.

އެ މާއްދާއަށް ހުށަހަޅާފައިވާ ޑެކްލަރޭޝަންއާއި ރިޒަވޭޝަންގައި ބުނެފައިވަނީ "ރާއްޖޭގެ ގާނޫނު އަަސާސީން ރާއްޖޭގައި ދިިރިއުޅޭ ކޮންމެ ރައްޔިތަކަށް ލިބެންޖެހޭ ހައްގުތަކާއި މިނިވަންކަން ލިބޭކަންކަން ކަށަވަރުވާނެ" ކަމަށެވެ. އެހެންކަމުން އެއްބަސްވުމުގެ 9 ވަނަ މާއްދާއަށް ރާއްޖެއިން އަމަލުކުރާނީ ގާނޫނުއަސާސީއާ ތައާރަޒުނުވާ ގޮތަކަށް ކަމަށެވެ.

މިއާއި އެކު ސަރުކާރުން ވަނީ އެ އެއްބަސްވުމުގެ އިތުރު މާއްދާތަކަށް ވެސް ރެޒަވޭޝަންތަކެއް ހުށަހަޅުއްވާފަ އެވެ. އޭގައި ބުނެފައިވަނީ އެ މާއްދާތަކަށް އަމަލުކުރާނީ ރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުތަކާއި ހިލާފުނުވާނެ ގޮތުގެ މަތިން ކަމަށެވެ.

މިއަދު އިސްލާމިކް މިނިސްޓަރު ޑރ. އަލީ ޝަހީމް ވެސް ވަނީ މިކަން ސާފުކޮށްދިނުމަށް ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރައްވާފަ އެވެ. އޭނާ ވެސް ވިދާޅުވީ "ބައިނަލްއަގްވާމީ މުއާހަދާތަކުގައި ރާއްޖެއިން އަމަލުކުރާ އުސޫލަކީ ގާނޫނުއަސާސީއާ ތައާރަޒްވާ ކަންތައްތަކެއް އޭގައި ހުރެއްޖެނަމަ، އެއަށް ރިޒަވޭޝަން ލުން" ކަމަށެވެ. އަދި ރާއްޖެއިން އަބަދުވެސް އެ އުސޫލު ދަމަހައްޓާނެ ކަމަށެވެ.

މިނިސްޓަރު މިގޮތަށް ވިދާޅުވީ ސަމޯއާ އެގްރީމަންޓްގައި އިސްލާމީ ހަމަތަކާއި ހިލާފު އެތައް ކަމެއް ހިމެނޭތީ އެސްޓީއޯގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރު ހުސައިން އަމްރު ކަންބޮޑުވުން ފާޅުކުރައްވާފައި ވަނިކޮށެވެ. އެގޮތުން އޭނާ ވަނީ، އެ އެއްބަސްވުމުގައި އެބޯޝަން ހެދުމުގެ ހުއްދަ ދިނުމުގެ އިތުރުން ދީނީ މިނިވަންކަން ދިނުންވެސް ހިމަނާފައިވާ ކަމަށް ވިދާޅުވެ ކަންބޮޑުވުންފާޅުކުރައްވާފަ އެވެ.

ސަމޯއާ އެގްރީމެންޓުގައި ބުނެފައިވަނީ އެ އެގްރީމެންޓުގައި ސޮއި ކުރާ ހިސާބުން ފެށިގެން އެބޯޝަން ހަދަން ބޭނުންވާ ފަރާތްތަކަށް އެ މިނިވަންކަން އެގައުމެއްގެ ގާނޫނުން ދޭންޖެހޭނެ ކަމަށެވެ. އަދި ދީނީ މިނިވަން ކަމާއި އެއް ޖިންސުން ގުޅުން ހިންގުމުގެ މިނިވަންކަން، އިންސާނީ ހައްގުތައް ކަށަވަރު ކޮށްދިނުމުގެ މާއްދާގެ ދަށުން ލިބެންޖެހޭނެ ކަމަށްވެސް އެގްރީމެންޓުގައި ވަނީ ބުނެފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!